ޚަބަރު

މާރުކޭޓުތައް ބަލައި ފާސްކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަލައި ފާސްކޮށްފައިވޭ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ރަމަޟާން މަހާ ދިމާކޮށް މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަލައި ފާސްކޮފައިވާ ކަމަށެވެ. އެގޮތުން ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއަކު މިއޮޕަރޭޝަންގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 18 ވަނަ ދުވަހުވެސް 5 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ޚާއްޞަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންދެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި 6000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ.