ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާއި ޑރ. މުހައްމަދު ޤުބާދު އަބޫބަކުރުއެވެ.
މި ފޯރަމްގައި ރައީސް މައުމޫން ތަޤްރީރުކުރެއްވީ "އިސްލާމްދީނުގެ ވަރުގަދަ އަސާސް" މި މަޢުޟޫއަށެވެ. އަދި ޑރ. މުހައްމަދު ޤުބާދު ތަޤްރީރު ކުރެއްވީ "އިސްލާމީ އަޅުކަންތަކުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް" މި މަޢުޟޫއަށެވެ.
" އިސްލާމްދީނުގެ ވަރުގަދަ އަސާސް" އާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މަޢުމޫން ވަނީ އިސްލާމްދީނުގެ ރުކުންތަކުގެ މުހިއްމުކަމާއި އެކަމުގެ މާތްކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމް ދީނަކީ ޚިޔާލުފާޅުކުރުމުގެ އުޞޫލަށް ތާޢީދުކުރާ ދީނެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ފުރުޞަތުތައް އޮތްނަމަވެސް ބައިބައިވުން އުފެދިގެން ނުވާނެކަމަށެވެ.
" ޚިޔާލު ފާޅުކުރުން އޮތްނަމަވެސް ހިތުގައި ބައިބައިވުން އުފެދިގެން ނުވާނެ. އެންމެންވެސް ވާންވާނީ އަޚުންތަކެއްގެ ގޮތުގައި." ރައީސް މައުމޫން ވިދާޅުވިއެވެ.
"އިސްލާމީ އަޅުކަންތަކުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް." މި މަޢުޟޫއަށް ތަފްޞީލީ ގޮތެއްގައި ޑރ. ޤުބާދުވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މާތް ﷲ އެންމެ ލޯބިފުޅުވާ އަޅުންނަކީ އެންމެ އަޚުލާގު ރަނގަޅު މީހުންކަން ހަނދުމަކޮށްދެވިއެވެ.
"ނަމާދާ އަޚުލަޤާ ހުރި ގުޅުމަކީ ވަރަށް މަތިވެރި ގުޅުމެއް. ނަމަދަކީ ވަކިކަލަ މަޤްޞަދުތަކެއް ހާސިލްކުރުމަށްޓަކައި ކުރާ އަޅުކަމެއް."ޑރ. މުހައްމަދު ޤުބާދު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ތެރޭގައި، ކޮންމެ އަހަރެއްގެ ރަމަޞާންމަހުވެސް އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި އޭގެ ފަހުންވެސް އެމަނިކުފާނު ގެންދަވަނީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަވަމުންނެވެ.