މިހާރު އޮތް ހާލަތުން އަރައިގަތުމަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ނޮކްއައުޓް ބުރުގައި މިރޭ ސްޕޭނުގެ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނައިރު ޔުނައިޓެޑަށް މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ހަމައެކަނި ފުރުސަތަކީ ޔޫރޮޕާ ލީގެވެ. ނަމަވެސް ކޯޗު ބުނީ މުބާރާތެއް ކާމިޔާބު ކުރުމަށްވުރެ ޔުނައިޓެޑް ހަމައަކަށް އަޅުވަން އެނޫން ކަންކަން މުހިންމު ކަމަށެވެ.
"އަހަންނަށް އެނގޭ މިހެން ތައްޓެއް ހޯދަން ނުޖެހޭނެއޭ ބުނުމަކީ ކިހާ ސީރިއަސް ކަމެއްކަން. އޭގެ ސަބަބުން ކުލަބާމެދު އެހެން މީހުން ދެކޭ ގޮތް ތަފާތު ވެދާނެކަން. އަދި މިއީ އަހަރުމެންގެ ސަޕޯޓަރުން ވެސް ބޭނުންވާނެ ގޮތެއްނޫން ކަމަށް. އެކަމަކު ހަގީގަތަށް ވާހަކަ ދައްކާނަމަ ތައްޓަކުން މިވަގުތު މި ޓީމުގެ ހާލަތު ބަދަލުނުވާނެ. އެއަށްވުރެ ބޮޑަށް މިހާރު ކުރަމުން މިދަނީ ޓީމެއް ބިނާކުރުމުގެ މަސައްކަތް،" އަމޮރިމް ބުންޏެވެ.
އޭނާ ބުނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރެވިއްޖަނަމަ އެއީ ޔުނައިޓެޑަށް މާލީ ގޮތުން ލިބޭނެ ބޯނަސްއެއް ކަމަށެވެ. ސަބަބަކީ އޭރުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެތީ ކަމަށެވެ.
"ޔޫރޮޕާ ލިގު ކާމިޔާބު ކުރެވިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު. އޭރުން އޮޓެމެޓިކުން ވަރަށް ގިނަ ކަންކަން ހުންނާނެ ރަނގަޅު ޓްރެކަށް އެޅިފައި. އެކަމަކު އަހަރެންނަށް ޔަގީން ޗެމްޕިއަންސް ލީގު ނުކުޅެވުނަސް އަހަރުމެންނަށް ކުޅޭނެ މޮޅު ކުޅުންތެރިން ވާނެކަން،" ކޯޗު ބުންޏެވެ.
ޔުނައިޓެޑުން ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަންވެސް އަމޮރިމް ފާހަގަ ކުރެ އެވެ. އޭނާ ބުނީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވެސް ޔޫރޮޕާ ލީގަކީ އެހާ މުހިންމު މުބާރާތެއް ނޫން ކަމަށެވެ.
"މިސާލަކަށް ބަލާ. އާސެނަލްއިން މިދިޔަ ހަފުތާގައި އެމީހުންގެ ހިސާބުތައް އާއްމުކުރީ. އެވަރުގެ އާމްދަނީ އެއް އެމީހުންނަށް ލިބުނީ ޗެމްޕިއަންސް ލީގުގެ ސަބަބުން. ޗެމްޕިއަންސް ލީގުގައި ހޯދާ ކޮންމެ 100 ޕައުންޑަކީ ޔޫރޮޕާ ލީގުގެ ނިސްބަތުން ބަލާނަމަ 22 ނުވަތަ 23 ޕައުންޑް. އެހާ ތަފާތު ބޮޑު ދެ މުބާރާތް މިއީ. އެކަމަކު އާސެނަލަ އަށް އެ ލިބުނު ފަދަ އާމްދަނީ އެއް އަހަރުމެންނަށް ލިބިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅުވާނެ،" ކޯޗު ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު ޓީމާ ހަވާލުވި ކޯޗު ބުނީ ފުޓްބޯޅައިގައި މާދަމާވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ. އަދި އޭނާ ވެސް މާދަމާ ޔުނައިޓެޑްގައި ހުންނާނެކަން ކަށަވަރުނޫން ކަމަށާއި ނަމަވެސް އޭނާ އުއްމީދު ކުރަނީ ކުލަބާއެކު ދިގު މުއްދަތެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުން ކަމަށެވެ.