ޚަބަރު

ބްރޯޑްކޮމްއިން ފަޒީން ވަކިކުރުމުގެ މައްސަލަ ތަޅުމަށް ފޮނުވަން ފާސްކޮށްފި


  • ކޮމިޓީން ބަލަމުންދަނީ ފަޒީންއާ ގުޅުންހުރި ޖިންސީ ފުރައްސާރައިގެ މައްސަލައެއް

  • ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން އެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެ މައްސަލަ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދަނީ ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. އެ މައްސަލަ ބަލަން ބޭއްވި ހުރިހާ ކޮމިޓީ ބައްދަލުވުންތަކެއް މިހާތަނަށް ވަނީ ސިއްރުކޮށްފައެވެ. އެހެންކަމުން އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިފައި ނުވެއެވެ.

ރޭގެ ކޮމިޓީ ބައްދަލުވުމުގައިވެސް ވަކި މައްސަލައެއް ސީދާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވަނީ އެއީ ކޮމިޓީން ބަލަމުންދާ ފަޒީންގެ މައްސަލަކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ފަޒީން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ތަޅުމަށް ހުށަހެޅުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުޞަތު ފަޒީނަށް ދިނުމަށްވެސް ކޮމިޓީގައި ވަނީ ނިންމާފައެވެ.