ޚަބަރު

ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަށް އިސްލާހު ގެނައުމަކީ ރައީސްގެ ނިންމެވުމެއް ނޫން: ފަލާހު


  • ޕާލަމެންޓްރީ ސުޕްރަމަސީއަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ދަމަހައްޓަން ޖެހޭ ކަމެއް

  • ފަނޑިޔާރުގޭގެ ޢަދަދު ކަނޑައެޅުމަކީ މަޖިލީހަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ މުޠުލަޤު ބާރެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ޤާނޫނަށް އިސްލާހު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ބަދަލަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައި އޮތް ނަމަވެސް ޝަރުޢީ ނިޒާމަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާ ކަމަށެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް އަދި މީގެ ކުރީ ސަރުކާރުތަކުން ފެނުނު ކަންކަން މިހާރު ނުފެންނާނެ ކަމަށާއި ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން މިސަރުކާރުން ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕާލަމެންޓްރީ ސުޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ދަމަހައްޓަން ޖެހޭ ކަމެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އަދި ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިސްލާހް ގެނައުމަކީ އެމަޖިލީހަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުއަކީ ޑިމޮކްރަސީގެ ރޫލް އޮފް ލޯއަށް އިހްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި ޢަދުލުވެރި ކަމާއެކު ވެރިކަން ކުރައްވާ ވެރިއެއް ކަމަށެވެ.

ފަލާހު ވަނީ މީގެ ކުރިން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރީ ސަރުކާރުތަކުން ކުރެއްވި ބައެއް ކަންކަންވެސް ޕޯސްޓުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން، ފަނޑިޔާރުންގެ ޤާނޫނު ވުޖޫދުވެ އެކުލަަވާލި ދާއިމީ ސުޕްރީމް ކޯޓަށް 7 ފަނޑިޔާރުން ހަމަކުރިއިރު، އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވީ ކިހިނެއްތޯއާއި ބައެއް ވެރިކަންތަކުގައި ފަނޑިޔާރުން ހައްޔަރުކުރުން މިއަދު ހަނދާން ނެތީތޯ ފަލާހްވަނީ ސުވާލު އުފައްދަވާފައެވެ.