ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ކޭޑީއެމް އާއި ކިންޒާ ކެފޭ މޮޅުވެއްޖެއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް ބީގައި ހިމެނޭ ކޭޑީއެމް އާއި އޭއާރްސީއެވެ. މި މެޗު ކޭޑީއެމް އިން ކާމިޔާބުކޮށްފައިވަނީ ހަ ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން އޭއާރްސީ އިން ނިންމީ ހޮވުމަށެވެ. އެއާއެކު ކޭޑީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ހާޒިގު ހަސަން ރަޝީދެވެ. ޖަވާބުގައި އޭއާރްސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 36 ލަނޑު އެއްކުރި އިބްރާހީމް ނަޝާތާއި، ނުބައިނުވެ 22 ބޯޅައިން 34 ލަނޑު ހެދި އަޅި ރާފިލް ރައޫފެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ކިންޒާ ކެފޭ މޮޅުވީ ޓޭޕް 8 ބޯލް އަތުން ހަ ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ޓޭޕް 8 ބޯލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 33 ލަނޑު ހެދި އަބްދުﷲ އަފީފެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި 5.4 އޯވަރުގެ ތެރޭގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 120 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 31 ލަނޑު އެއްކުރި މުޙައްމަދު އައްޒާމެވެ.