ޚަބަރު

ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި


މި މަހު ރަށުން ބޭރުގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ. ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެ މެޗު ކުޅޭނީ ޝިލޮންގުގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. އެ މެޗުގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގައެވެ.

ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ރަށުން ބޭރުގައި ކުޅޭ ދެ މެޗަށް ތައްޔާރުވަމުން އަންނައިރު, ފުރަތަމަ މެޗަށް އިންޑިއާއަށް ފުރާނީ މި މަހުގެ މެދުތެރޭގައެވެ. ގައުމީ ޓީމުން މި ދެ މެޗަށް ފަރިތަކުރުންތައް ފެށިއިރު، މި އަހަރަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ.

އެގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭނެއެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ރާއްޖެއިން ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފިލިޕީންސް މެޗަށްފަހު، ޖޫން މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އީސްޓް ޓިމޯއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 14 ގައި ތަޖަކިސްތާނާއި ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށެވެ.

ގައުމީ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު ބަންގްލަދޭޝް އާއެކު, އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ.