ޚަބަރު

"ރޯދައިގެ ޙިކުމަތަކީ މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުން"


  • ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ

  • ރޯދައިގެ ސަބަބުން މާތްﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ތަމްރީން ލިބިގެންދާނެ

  • ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ހިމެނޭ

ރޯދައިގެ ޙިކުމަތަކީ މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުން ކަމަށް ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ ރޯދައިގެ ޙިކުމަތަށެވެ. އެގޮތުން، މާތް ﷲ ޝަރުޢުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ޚިކުމަތް ސަރީހަކޮށް ބަޔާންކުރައްވާފައިވާއިރު ބައެއް އަޅުކަންތަކުގެ ޚިކުމަތް ބަޔާންނުކުރައްވައި ދޫކޮށްލައްވާފައިވާ ކަމަށާއި އެކަލާންގެ ކޮންމެ އަޅުކަމެއްވެސް ޝަޢުރުކުރައްވަނީ ބޮޑުވެގެންވާ ޙިކުމަތަކަށް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާއިރު އެ ހުރިހާ ކަމަކީވެސް ތަޤުވާވެރިކަން ހާސިލްކޮށްދޭ ކަންތައްތައް ކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަން ހާމަކުރައްވައި ޚުތުބާގައި ވިދާޅުވީ އިންސާނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން އެ ނިޢުމަތްތަކުގެ އަގުވަޒަންކުރަން ދަސްވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރޯދަވެރިޔާގެ ކިބައިގައި އަވަށްޓެރިންނަށް ކަމޭހިތުމާއި ނިކަމެތީންނަށް ހެޔޮފޯރުވުމާއި ފަގީރުންގެ ހާލުބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރޯދައިގެ ސަބަބުން މާތްﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ތަމްރީން ލިބިގެންދާނެ ކަމަށާއި ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެދޭނެ ކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

"ރޯދައަށް ހުންނައިރު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފްސު އެދިގޮވާނެއެވެ. އެ ރިވެތި އަޚްލާގީ ސިފަތަކުގެ ސަބަބުން ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށް ޒީނަތްތެރިކޮށްދެއެވެ. ހަމަ މިފަދައިން ދޮގުހެދުމާއި ޒުވާބުކުރުމާއި، ހަޑިހުތުރުބަހުން މީހުންނާ މުޚާތަބުކުރުމާ އޭނާ އެއްކިބާކުރުވައެވެ" ޚުތުބާގައި ވިދާޅުވިއެވެ.

ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ހިމެނޭ ކަމަށާއި، އޭގެ ސަބަބުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الشَّيْطَانَ يَـجْرِيْ مِنَ الْإِنْسَانِ مَـجْرَى الدَّمِ.) މާނައީ: "އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން، ޝައިޠާނާ، އޭނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުކުރެއެވެ." މި ބަސްފުޅުން ދޭހަވަނީ އިންސާނާގެ މައްޗަށް ޝައިޠާނާ ބާރުފޯރުވާލެއް ބޮޑުކަމެވެ. ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެންނެވެ. ރޯދަ ހިފުމުގައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ތަބަޢަވެގެންނެވެ" ޚުތުބާގައި ވިދާޅުވިއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް މާތްﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެގޮތުން، ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއްކަމަށާއި ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ، މި އަޅުކަމުގައި ހުރި އިޚްލާސްތެރިކަމުގެ ބޮޑުކަމުން ކަމަށްވެސް ވިދާޅުވިއެވެ.

މާތް ﷲއަށް ބިރުވެތިވެ، ތަޤުވާވެރިވުމަކީ ރޯދައިގެ ޙިކުމަތެއްކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ ކުރަން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށެވެ. އަދި ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެއް ކަމަށްވެސް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.