ރަމަޟާން މަހަށް ޚާއްސަކޮށްގެން މިފަހަރުވެސް ޕީ.އެސް.އެމް ނިއުސްއިން އަންނަނީ ތަފާތު އެކިއެކި ޕްރޮގްރާމްތައް ގެނެސްދެމުންނެވެ. އެގޮތުން މި ރަމަޟާން މަހަށް ޚާއްސަކޮށްގެން މުޅިން އަލަށް ގެނެސްދޭ "ސިފަނުވި ދުލަކުން" މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މިރޭ 22:00 ގައި ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ސިފަނުވި ދުލަކުން" މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ލޯފަން މީހުންގެ އިޙްސާސްތައް އެމީހުންގެ ދުލުން ގެނެސްދިނުމަށެވެ. ލޯފަންވިކަމުގައި ވީނަމަވެސް އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގައި ބާކީނުވެ، އަބުރުވެރި ދިރިއުޅުމެއް މިފަދަ ފަރާތްތަކަށްވެސް އުޅެވިދާނެކަން އަންގައި ދިނުމަކީ މި ޕްރޮގްރާމްގެ އެންމެބޮޑު އެއް މަޤްޞަދެވެ.
މި ޕްރޮގްރާމުގައި ލޯފަން 4 މީހެއްގެ ދިރިއުޅުމުގެ ޙާލަތު، އެމީހުންގެ ތަޖުރިބާ، އެމީހުންނާއި ޢާއިލާ މެންބަރުންގެ ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. މިއީ އެމީހުން ދިރިއުޅޭ ރަށްރަށަށް ނިއުސްޓީމުން ގޮސްގެން ޝޫޓްކޮށް ނަގާފައިވާ ޕްރޮގްރާމްތަކެކެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ގެނެސްދޭ "ސިފަނުވި ދުލަކުން" ހޮނިހިރުދުވަހުގެރޭ 22:00ގައި ޕީއެސްއެމް ނިއުސް އިން pic.twitter.com/It0Is4ND6U
— PSM News (@psmnewsmv) March 5, 2025
"ސިފަނުވި ދުލަކުން" މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ގެނެސްދޭނީ ހދ. ކުމުންދޫއަށް އުފަން އުމުރުން 50 އަހަރުގެ އަޙްމަދު ޞާލިހާއި އަންހެނުން ފާއިޒާގެ އަސަރުން ފުރިގެންވާ ވާހަކަތަކެވެ. އެ ޢާއިލާގެ ތަޖުރިބާތަކާއި އިޙްސާސްތަކުގެ ވާހަކައެވެ.
ދިރިއުޅުމުގައި ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ، އަނެއްކާވެސް ފަހަތައް ބެލުމެއްނެތި، ކުރިއަށް ދާނެ މިސްރާބެއް ނެތޭ އެތައްބަޔަކު ބުންޔަސް މަންޒިލަށް ވާސިލްވުމުގެ ފުރިހަމަ އުއްމީދުގައި ހުރި ޞާލިޙުގެ ކެތްތެރިކަމާއި ހިތްވަރު މިރޭގެ އެޕިސޯޑުން އެނގޭނެއެވެ. ޞާލިޙާއި އޭނާގެ އަންހެނުން ފާއިޒާއާ ދެމެދު އުފެދިފައި އޮތީ ހިތާ ހިތުގެ ގުޅުމެއްކަންވެސް މި އެޕިސޮޑުން ހަމާވެގެންދާނެއެވެ.
4 އެޕިސޮޑްގެ މައްޗަށް އުފައްދާފައިވާ މި ޕްރޮގްރާމް ޝޫޓްކޮށްފައި ވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ. ކޮންމެ އެޕިސޮޑަކުންވެސް ބެލުންތެރިންނަށް އިބުރަތްތެރި އައު ވާހަކަތަކެއް އިވިގެންދާނެއެވެ.
ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 22:00 ގައި ޕީ.އެސް.އެމް ނިއުސް އިން މި ޕްރޮގްރާމް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.