ކުޅިވަރު

ވެޓެރަންސް ލީގު: ވިލިމާލެ ޔުނައިޓެޑާއި ހުއްރިއްޔާ އެއްވަރު


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ވިލިމާލެ ޔުނައިޓެޑާއި ހުއްރިއްޔާ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު, ދެ ހާފުގަވެސް ދެ ޓީމަށް ލަނޑު ޖަހާނެ މާ އެދެވޭ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މި މެޗުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައި އާދިލް އަބްދުލް ރަހުމާނަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ހުއްރިއްޔާ ޓީމުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދިޔައިރު، މިހާރުވެސް ފުރަތަމަ ޑިވިޝަންގެ އޮޑި ސްޕޯޓްސް ކުލަބަށް ކުޅެން ނިންމާފައިވާ މުޙައްމަދު ރަޝީދު (ހޮކޭ) ވަނީ ޓީމުގެ ޑިފެންސް ލައިންގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޓީމުގެ ކޯޗަކަށް ހުރީ ހުއްރިއްޔާއަށް ދިވެހި ލީގު ކާމިޔާބުކޮށްދިން ކުރީގެ ތަރި އިސްހާގެވެ. އަދި މެޗުގައި ކުރީގެ މަޝްހޫރު ފޯވާޑް އަލީ ޝިޔާމްވެސް ފެނިގެންދިޔައެވެ. މީގެ އިތުރުން ވިލިމާލެ ޓީމުންވެސް ވަނީ ކުރީގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެން ގޮސްފައެވެ.

މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ވިލިމާލެއިން ކުޅުނު ދެވަނަ މެޗު އެއްވަރުވިއިރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ބަލިކޮށްފައެވެ. އަދި މިއީ މުބާރާތުގައި ހުއްރިއްޔާއިން ކުޅުނު ފުރަތަމަ މެޗެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލޭ ވެޓެރަންސް އާއި، ވިލިމާލެ ޔުނައިޓެޑާއި، ދިވެހި ސިފައިންގެ ކުލަބާއި، ޒެލޮޓުގެ އިތުރުން ހުއްރިއްޔާއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ކުލަބު އީގަލްސް އާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި، މުއިވެޔޮ ފްރެންޑްސް ކުލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަދި ޕޮލިސް ކުލަބެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.