ޚަބަރު

ބަޣާވާތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެކުނު ކޮރެޔާގެ ރައީސް މިނިވަން ކޮށްފި


ބަޣާވާތް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހު ދެކުނު ކޮރެޔާގައި ސިޔާސީ ޙަރަކާތްތައް ހުއްޓުވައި ޤާނޫނުހަދާ މަޖިލީސް ހުއްޓުމަކަށް ގެނެސް މީޑިޔާގެ ބާރު ކަނޑުވާލުމުގައި ޔޫން ވަނީއެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނު ކުރައްވައިފައެވެ. ކުއްލި ޙާލަތު އިޢުލާނު ކުރެއްވުމަށް ފަހު، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ. ނަމަވެސް، ކުއްލި ޙާލަތުގެ ޢަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހަށް ސިފައިން ފޮނުއްވާފައެވެ. އަދި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅުއްވާފައި ވެސް ވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ހަތިޔާރު އެޅި ސިފައިން ވަނުމާ ގުޅިގެން ސިފައިންނާއި މަޖިލީހުގެ މުވައްޒަފުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

އެ ހާދިޘާއާ ގުޅިގެން ދުނިޔޭގައި އެންމެ ރަނގަޅަށް ދިމުޤުރާތީ ނިޒާމު ފަރިތަކުރަމުން ދިޔަ އެއް ޤައުމު ކަމުގައިވާ ދެކުނު ކޮރެޔާގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔައެވެ. ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅިގެން ދެކުނު ކޮރެޔާގެ ޤާނޫނުހަދާ މަޖިލީހުން ޔޫން އިތުބާރު ނެތްކަމަށް ފާސް ކޮށް މަޤާމުގެ ޒިންމާތަކުން ދުރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖަނަވަރީ 15ވަނަ ދުވަހު ޔޫން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ދެކުނު ކޮރެޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރު ކުރަން ދިޔުމުން އޭނާގެ ހަށިފާރަވެރިން ވަނީ އެ ކަން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުން ކޮށްފައެވެ.

ހައްޔަރުގައި ގާތްގަނޑަކަށް ދެ މަސް ދުވަހު ހުންނެވުމަށް ފަހު ޔޫން ދޫކޮށްލާފައި ވަނީ ޔޫން ހައްޔަރު ކުރުމުގެ ޢަމުރު ބާޠިލް ކުރުމަށް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ދަައުލަތުން ނިންމުމުންނެވެ. ހައްޔަރުން ޔޫން މިނިވަންވެޑައިގެންނެވި ނަމަވެސް އޭނާ އަދި ވެސް ހުންނެވީ ރައީސްގެ މަސްޢޫލިއްޔަތުތަކުން އެއްފަރާތް ކޮށްފައެވެ. އަދި އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ޝަރީޢަތްތައް ވެސް ދަނީ ކުރިއަށެވެ.

ޔޫން ހައްޔަރު ކުރުމަށް ނެރެފައިވާ ޢަމުރު ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ބާޠިލް ކުރީ އޭނާއާ ދެކޮޅަށް ދައުވާ އުފުލާފައިވާ ވަގުތާއި ތަހުޤީޤީ މަރުޙަލާގެ ޤާނޫނީ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމަށް ބުނެއެވެ. ހައްޔަރުން ދޫކޮށްލުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޔޫން ވިދާޅުވީ ޔޫން ހައްޔަރު ކުރުމާމެދު ސުވާލު އުފައްދައި އެ ކަން އިސްލާހު ކުރުމަށް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ދެއްކި ހިތްވަރާއި އަޒުމަށް ޝުކުރު ޢަދާ ކުރައްވާ ކަމަށެވެ. ޔޫންގެ ވަކީލުން ވިދާޅުވީ ކޯޓުގެ ނިންމުމުގެ ސަބަބުން ޔޫން ބަންދުކުރުމުގައި އިޖުރާޢީ ގޮތުންނާއި މާއްދީ ގޮތުން ވެސް މައްސަލަތަކެއް ހުރިކަން ކަށަވަރަު ކޮށްދޭ ކަމަށެވެ. ޔޫންގެ ވަކީލުން ވަނީ އެ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ޢަމަލު ކުރަން އަލުން ފެށުމުގެ ފެށުން ކަމަށް ވެސް ސިފަ ކުރައްވައިފައެވެ.

ނަމަވެސް ދެކުނު ކޮރެޔާގެ މައި އިދިކޮޅު ޕާޓީން ވަނީ ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރުމަށް ދައުލަތުން ނިންމި ނިންމުމާމެދު ދައުލަތަށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން ޤައުމާއި ޤައުމުގެ ރައްޔިތުން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ޑިމޮކްރަޓިކް ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ.

ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ކުށަކަށް އަރައިގަނެފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ޝަރީޢަތް ހިންގަން ފަށާފައެވެ. ޔޫން ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުންނެވެ. މި ފަދަ ހާލަތްތަކުގައި ޝަރީޢަތް ނިންމުމަށް އެ ކޯޓަށް 180 ދުވަހުގެ މުހުލަތެއް ޤާނޫނުން ދީފައި އޮތް ނަމަވެސް، ޔޫންގެ މައްސަލަ އަވަސްނިޔާގެ އުސޫލުން ހިންގުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. ވީހާ ވެސް އަވަހަކަށް ރައީސްކަމުގެ މަޤާމުން ޔޫން ރަސްމީކޮށް ދުރު ކުރުމަށް އިދިކޮޅު ޕާޓިން ވަނީ ޤައުމުގެ ދުސްތޫރީ ކޯޓަށް ގޮވާލައިފައެވެ.