ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރިވިއުކޮށްފައިވަނީ ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމުން އެ ލިސްޓް ރިވިއު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދެއްވި ލަފަޔާއެކު މި ސަރުކާރުން ރިވިއު ކުރުމަށްފަހު ނެރުނު ލިސްޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުން ހިމެނޭ ދާއިމީ ލިސްޓެއް ނެރުނީ 15 ނޮވެމްބަރު 2023ގައެވެ. ރިޔާސީ އިންތިޚާބާ ކައިރިވެފައިވަނިކޮށް ނެރުނު އެލިސްޓަށް އޭރުވެސް ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. މިއާއެކު ފްލެޓް ދިނުން މަޑުޖައްސާލުމަށް އޭސީސީން އޭރުގެ ސަރުކާރަށް އަންގަވައި އެ ޝަކުވާތަކާގުޅޭ މައްސަލަތައް ބައްލަވަން ފެއްޓެވިއެވެ.
އޭސީސީން ބެލި ބެލުމުން ފްލެޓް ލިބުނު %59.6 މީހުންގެ ޝަރުތު ހަމަނުވާ ކަން ފާހަގަކުރެވުމުން އެ ލިސްޓް އަލުން ރިވިއު ކުރުމަށް އެ ކޮމިޝަނުން ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާއަށް އެންގެވިއެވެ. އެހެންކަމުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ފްލެޓް ލިސްޓް ރިވިއު ކުރުމަށްފަހު އަލުން އެ ލިސްޓް ސަރުކާރުން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 28ވަނަ ދުވަހުގައެވެ. މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު އެންމެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތުމަކީ ލިސްޓާއި ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާ މައިގަނޑު ސަބަބަކަށްވުން އެކަށީގެންވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ރިވިއު ކުރުމަށްފަހު ނެރުއްވި ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި 3 ކޮޓަރި ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެކަމަށް އިއުލާންކުރި ފަރާތްތަކުގެ އިތުރުން 2 ކޮޓަރީގެ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތައް އެކަނި ކަމަށެވެ. އެނޫން އެހެން އެއްވެސް މީހެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކުކޮށްފައިނުވާނެ ކަމަށާއި ފްލެޓް ދިނުމުގެ އައު އުސޫލެއްވެސް އެކަށައަޅާފައިނުވާނެ ކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފްލެޓް ލިސްޓް ރިވިއު ކުރުމުގައި އަމަލުކޮށްފައިވަނީ ކުރީ ސަރުކާރުން އެކަމަށް އެކުލަވާލި ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ގައިޑްލައިނަށް އަމަލުކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއި ކުރެވޭތޯ ބަލާފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައިނުވާނެ ކަމަށާއި ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށްފަހު ނޫނީ އެގޮތަށް ކަނޑަނޭޅޭނެ ކަމަށްވެސް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން މާލޭ ރަށްވެހިން ފްލެޓް ލިސްޓުން އާދަޔާޚިލާފަށް ޑިސްކޮލިފައި ކޮށްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އެ ބަދަލު އައިސްފައިވާނީ ފޯމު ލީ ފަރާތުން ދީފައިވާ މަޢުލޫމާތާ ޚިލާފަށް ކުރިން ޕޮއިންޓް ދީފައިވާނަމަ އެކަނިކަމަށެވެ. އެކަން ފޯމު ލީ ފަރާތަށް ޕޯޓަލުން އެނގެން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅުނު މުއްދަތު އަންގައިދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހާމަކުރައްވައި އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ އެ ނޫން ލިޔުންތައް ފިޔަވައި އިތުރު ލިޔުމެއް ބަލައިގަންނަން ނިންމިކަން އެއްވެސް ގޮތަކުން އިޢުލާނުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެނޫން ލިޔުންތައް ބަލައިގަނެފައިވަނީ ހުރިހާ ފަރާތްތަކަށް ޢާންމުކޮށް އެފުރުޞަތު ދިނުމަކާއި ނުލައި އަދި އެގޮތަށް ޢަމަލުކުރުމަށް ނިންމިކަން ލިޔުމުން އިޢުލާނުކުރުމެއް ނެތި ވަކި ބަޔަކަށް ވަކި ކަމެއް ހާސިލުކޮށްދިނުމަށް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ކައުންސިލްތަކުން ދީފައިވާ ލިޔުންތަކު ތެރޭގައި ފާހަގަ ކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތަކެއް ކަމަށާއި އެ ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށްވެސް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ވެރިފިކޭޝަން މަސައްކަތުގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅު ކުރަން ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުއަދަތަށް ފަހު ބާކީވާ ފްލެޓެއްވާނަމަ، އެ ފްލެޓްތަކާމެދުވެސް ޢަމަލުކުރާނެ ގޮތަކީ މި އުޞޫލުން ވެރިފިކޭޝަން ޕްރޮސެސް އެއް ގެންދިއުން ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެއަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓް ކަނޑައަޅާނެ ކަމަށާއި އެކަމުގައި ފޯމް ހުށަހެޅި އިރު ދީފައިވާ މަޢުލޫމާތު ބަދަލު ކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށާއި ދެމަފިރިން ޝަރުތުހަމަވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެ ކަމަށްވެސް އިމާާރާތްކުރުމާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
ވެރިފިކޭޝަންގެ މަސައްކަތާގުޅޭގޮތުން އެއްވެސް ހަމަޔަކަށް އަދި އުޞޫލުކަށް ބެލުމެއް ނެތި ކަންކަން ކުރިޔަށް ގެންދިޔަ ފަރާތްތަކުން، ކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި 4000 ފްލެޓު ލިބުމުގެ ފުރުސުތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށައެޅުމުގެ ތަކުލީފު ތަހަންމަލުކުރަންނުޖެހޭނެ ކަމަށާއި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، އެ ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވާ ކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.