ޚަބަރު

އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ މަޝްވަރާތަކަށް ޙަމާސާއި ޔަހޫދީން ތައްޔާރު


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމާ ގުޅޭ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޒަޔަނިސްޓު ސަރުކާރުން ދީފިއެވެ. ދެ ފަރާތުން ވެސް އިތުރު މަޝްވަރާތަކަށް ތައްޔާރު ކަން ހާމަކޮށްފައި މި ވަނީ، އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ފެށުމަށް، އެ ކަމުގައި މެދުވެރިންގެ ދައުރު އަދާ ކުރަމުންދާ މިޞްރާއި ޤަޠަރުން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި 15 މަހަށް ދެމިގެން ދިޔަ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,700ށް އުފުލިފައެވެ. އަދި، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޣައްޒާ ޢުދުވާން މެދުކަނޑައިލާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް ފަހު އޭގެ ދެ ދުވަސް ފަހުން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ހުޅަނގު އައްސޭރިއަށް އަރައި، އެ ސަހަރުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޖަރީމާތަކެއް ހިންގަން ފަށާފައެވެ.

މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން ޙަމާސުން ބުނީ، އެ ކަމަށް ބާރުދޭ ރަނގަޅު ސިގުނަލްތަކެއް ފެންނަމުންދާ ކަމުގައެވެ. ނަމަވެސް، ޙަމާސުން މި ކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކޮށްފައެއް ނެތެވެ. ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވެސް ވަނީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެވެ. އަދި، އިތުރު މިޞްރާއި ޤަޠަރުގެ ދަޢުވަތު ޤަބޫލު ކޮށްފައިވާ ކަމުގައި ބުނެފައެވެ.

ޙަމާސުން ބުނީ އެ ޖަމާޢަތުގެ ވަފުދެއް މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ އޮފިޝަލުންނާ އެކު މިހާރު ވެސް މަޝްވަރާތައް ކުރަމުންދާ ކަމުގައެވެ. އަދި، އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަކަށް ވާސިލުވުން ކަމުގައެވެ.

"[ޣައްޒާގެ] ރައްޔިތުންގެ ބޭނުންތައް ހާސިލުވާނެ ގޮތަކަށް، އަދި ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އޮތް ހުރަސްތައް ނައްތައިލައި އެހީ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުވޭނެ ގޮތަކަށް، މަޝްވަރާތަކުގެ ދެވަނަ މަރުޙަލާގައި ބައިވެރިވުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބި ކަމުގެ ޔަގީން ކަން އަރުވަން،" ޙަމާސްގެ ތަރުޖަމާނު ޢަބްދުއްލަޠީފް އަލް-ޤަނޫޢީ ވިދާޅުވިއެވެ.

ޣައްޒާގައި ޙަމާސުން ވެރިކަން ކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، ޔަހޫދީންގެ ނުބައިކަމުން އެ މީހުން ސަލާމަތް ކޮށްދިނުމަށް އޮތް ހުރަހެއްގެ ގޮތުގައި ޔަހޫދީންނާއި ހުޅަނގުގެ ބާރުތަކުން ދެކެއެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިޞްރުން ވަނީ، ޙަމާސްގެ ބަދަލުގައި ޣައްޒާގައި ވެރިކަން ކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށް ހުށަހަޅާފައެވެ. އަދި، ޢަރަބި ޤައުމުތަކުން ވަނީ މި ހުށަހެޅުމަށް ތާޢީދު ކޮށްފައެވެ. ޙަމާސުން ވެސް ވަނީ، ޣައްޒާގައި އަލުން އިންތިޚާބެއް ބޭއްވެން ދެން އެ ސަހަރުގައި ވެރިކަން ކުރާނެ މިނިވަން ޤައުމީ ކޮމިޓީއެއް އެކުލަވައިލުމަށް ރުހޭ ކަން ހާމަކޮށްފައެވެ.

ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދޭތެރެދޭތެރެއިން ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އެންމެ ދެކުނުން، މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙަށެވެ. އެ ރަަށަށް ދިން ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދު ކޮށްލިއެވެ. މާރިޗު 7ވަނަ ދުވަހު ވެސް ޔަހޫދީ ސިފައިން ވަނީ ނިރުބަވެރި ޙަމަލާތަކެއްދީ އިތުރު ދެ މީހަކު ޝަހީދު ކޮށްލާފައެވެ.