ޚަބަރު

ޙާފިޒުންނަށްދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފި


  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ގޮތުގައި ސަނަދު ބަލައިގަތުންމަށް ވަނީ ނިންމާފަ

  • މިކަމާ ގުޅޭގޮތުން 2024 ވަނަ އަހަރު މަޝްވަރާކުރި

ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފިއެވެ.

ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މިދިޔަ އަހަރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެމްކިޔުއޭއާއެކު މަޝްވަރާކުރައްވާފައެވެ. އަދި މިހާރު މިވަނީ ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ފައްތާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޘުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

ޙާފިޘުކަމުގެ ސަނަދު ލެވެލް 4ގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް 2 ޝަރުތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯވަރ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާންޖެހެއެވެ. އަދި 18 އަހަރު ފުރިހަމަވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކުރަންޖެއެވެ.

ޙާފިޒުންނަށް ސަނަދު ހަވާލުކުރުމުގެ ޒިންމާ މަތިވެފައި އޮންނަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށެވެ. އެގޮތުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޒުކަމުގެ އިމްތިޙާނު ހެދުމަށް އެދި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދެއެވެ. އިމްތިހާނަށްފަހު ހާފިޒުކަމުގެ ސަނަދުދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބެގެން ޤުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށްވެސް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން ޤުރުއާން މުރާޖައާކުރުމަށްވެސް އަންނަންޖެހޭނީ މާލެއަށެވެ.