ޚަބަރު

ހާފިޒުން ދަސްވެނިވުމަށް ބާއްވާ ޙަފްލާ 27 ވިލޭރޭ


  • މިއީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޙަފްލާ

  • މި ޙަފްލާގައި 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ޙަފްލާ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ހަފްލާގައި 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ހާފިޒުން ދަސްވެނިވާ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ޙަފުލާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޙަފްލާ އޮންނާނީ މި މަހުގެ 27 ވިލޭރޭ ކަމަށެވެ.

މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. އަދި ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށެވެ. މިހާރު ޙާފިޒުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވައެވެ.

މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަމެވެ.