ކުޅިވަރު

ނިއުޒިލެންޑް ބަލިކޮށް އިންޑިއާއިން ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްފި


އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޗެމްޕިއަންސް ޓްރޮފީގެ ފައިނަލް މެޗުގައި ހަތަރު ވިކެޓުން ނިއުޒިލެންޑް ބަލިކޮށް، އިންޑިއާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ އިންޑިއާއިން ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ގައުމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރެވެ.

މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ގުރު ދިމާވުމުން ނިއުޒިލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 251 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 101 ބޯޅައިން 63 ލަނޑު ހެދި ޑެރީލް މިޗެލް އާއި، ނުބައިނުވެ 40 ބޯޅައިން 53 ލަނޑު އެއްކުރި މައިކަލް ބްރޭސްވެލްއެވެ. މި އިނިންގްސްގައި އިންޑިއާގެ ވަރުން ޗަކަރަވަރަތީ އާއި ކުލްދީޕް ޔާދަވް ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި އިންޑިއާ ކުޅެން އަރައި އެ ޓީމުން ވަނީ ބާކީ ހަ ބޯޅަ އޮއްވައި ހަ ކުޅުންތެރިން ނުބައިވެގެން 254 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އިންޑިއާއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 83 ބޯޅައިން 76 ލަނޑު ހެދި ކެޕްޓަން ރޯހިތު ޝަރްމާ އާއި، 62 ބޯޅައިން 48 ލަނޑު އެއްކުރި ޝްރެޔާސް އައްޔަރެވެ. މި އިނިންގްސްގައި އިންޑިއާގެ ތަޖުރިބާކާރު ބެޓްސްމަން ވިރާޓް ކޯލީ ވަނީ ދެ ބޯޅައިން އެންމެ ލަނޑެއް ހެދި ތަނުން ނުބައިވެފައެވެ.

މި މޮޅާއެކު އިންޑިއާއިން ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރިއިރު، 2023 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ބަލިވި ފަހުން އެ ޓީމުން މިހާރު ވަނީ ޗެމްޕިއަންސް ޓްރޮފީގެ އިތުރުން ޓީ20 ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި މިއީ އިންޑިއާގެ ކޯޗުކަމާ ގޯތަމް ގަމްބީރު ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.