ޤާނޫނާއި ހިލާފަށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށާއި، ފައިސާ ޗާޕުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު މިހެން ވިދާޅުވީ، ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާފަދަ ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ. މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން މަތީ އިންޓަރެސްޓް ރޭޓުތަކުގައި ލޯނު ނެގުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެގެންދިޔައެވެ. އަދި ބޭރު ފައިސާ ލިބުން ދަތިވެ، ބާޒާރުގައި ތަކެތީގެ އަގުތައްވެސް އުފުލުނެވެ.
17 ނޮވެމްބަރ 2023ގައި ދިވެހި ޒަޢާމަތާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަވެސް ފެއްޓެވީ ރާއްޖޭގެ އިޤުތިޞާދު އަލުން ކޮޅަށް ޖެއްސެވުމުގެ މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެއްވީ ފައިސާ ޗާޕުނުކޮށް، ލިބޭ އާމްދަނީ އިތުރުކޮށް، ދަރަނި ދައްކަމުން އިޤުތިޞާދު ހަމަ މަގަށް އެޅުއްވުމަށެވެ. އެ ގޮތުން މިހާތަނަށް އައިއިރު ސަރުކާރުން ވަނީ ފައިސާ ޗާޕުނުކޮށް ދިވެހި އިޤުތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އަދި އެއާއެކު ގައުމުގައި ހަމަޖެހުން ގާއިމްކުރެވި، ތަރައްގީގެ ދުވެލި ވަނީ ހަލުވިވެފައެވެ.
އިގްތިސާދީގޮތުން ކުރިއެރުންތަކެއް ގައުމަށް ލިބެމުންދާއިރު، އިދިކޮޅު ފަރާތްތަކުން މިހާރު ބުނަމުންދަނީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން އިގްތިސާދުގެ ތެރެއަށް ވައްދަން އުޅޭ ކަމަށެވެ. އަދި ސަރުކާރުން މިކަން ކުރަން އުޅެނީ މަރުކަޒީ ބޭންކު މެދުވެރިކޮށްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
އެމްއެމްއޭއިން ފައިސާ ޗާޕްކުރަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް، އެމްއެމްއޭއިން އެފަދަ އެއްވެސް މަސައްކަތެއް ކުރަން އުޅޭ ވާހަކަ ދައްކާފައެއް ނުވެއެވެ. ފައިސާ ޗާޕްކުރަން އުސޫލުތަކެއް ހަދާފައި އޮންނަައިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އަދަދަކީ ޗާޕު ކުރެވޭނެ އަދަދެއް ނޫންކަން އެކަމާއި ގުޅޭ މާހިރުން ފާހަގަކުރައްވައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހްވެސް ވަނީ ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ. ފަލާޙު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރި ނަމަވެސް، މި ސަރުކާރުން ޗާޕު ނުކުރާނެކަމަށެވެ. އަދި އެމްޑީޕީން އެ ވާހަކަތައް ދައްކަމުންދަނީ ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމަށްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"އިޤުތިޞާދީ ގޮތުން ދިވެހިރާއްޖެ އޮތީ އެމްޑީޕީގެ ސަރުކާރުގައި އަދަވަޅަކަށް ވައްޓާލާފައި. އެމްޑީޕީގެ ވެރިކަމެއް ކުރުމަށްފަހު ދެން އަންނަ ބަޔަކު ކޮންމެ ފަހަރަކު މި ޖެހެނީ މި އަދަވަޅުން ނަގައި އިޤުތިޞާދު ކޮޅަށް ޖަހަން." މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބަހުސްކުރައްވަމުން ފަލާޙު ވިދާޅުވިއެވެ.
ސަރުކާރުން ގާނޫނާއި ހިލާފަށް ފައިސާ ޗާޕު ނުކުރާނެކަމުގެ ޔަގީންކަން ފަލާޙު ދެއްވާފައިވާއިރު، ސަރުކާރުގެ ޚަރަދުތަކާއި ދަރަނި ފޫބެއްދުމަށްޓަކައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށްފައެވެ. މީގެ ސަބަބުން ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވިއެވެ. އަދި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދިޔައެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ، ފައިސާ ޗާޕުކުރުން ހުއްޓަލައި ޑޮލަރުގެ ތަނަވަސްކަން އިތުރުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާޢަތުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި، އަމަލުކުރަން ވަނީ ފައްޓަވާފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަމަށް ވަނީ ލުއިތަކެއް ލިބިފައެވެ.