ޚަބަރު

އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށައި، ވިލަރެސްކުރުން ދަނޑުވެރިކަމާބެހޭ ވުޒާރާއަށް


  • މީގެ ކުރިން ސަރުކާރުން ނިންމަވާފައިވަނީ އެގްރޯ ނެޓް އުވާލުމަށް

  • އެގްރޯ ނެޓުގެ މަސައްކަތްތައް ވިލަރެސްކޮށް، ލަނޑުދަނޑިތައް ކަނޑައަޅާނީ ވުޒާރާއިން

ދަނޑުވެރިކަމާބެހޭ ވުޒާރައިން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް، އެގްރޯ ނެޓުގެ މަސައްކަތްތައް އަލުންފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ ފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް(އެގްރޯނެޓް) އުވާލެއްވުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށް ކުރިން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓް އުފައްދަވާފައިވަނީ ޤައުމުގެ އުފެއްދުނަތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމަށް 2 ޖެނުއަރީ 2024 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން އެގްރޯ ނެޓުގެ ސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

މި ބަދަލުގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމެވެ.

އެގްރޯ ނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި 2020 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.