ކުޅިވަރު

ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިން ބައިވެރިވޭ، އިންޑިއާ މެޗަށްފަހު އަންނަނީ ރާއްޖެއަށް


ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފޯރީގައި ތައްޔާރުވަމުން އަންނަނީ މިމަހު 19 ގައި އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗާއި، އޭޝިއަންކަޕް ކޮލިފައިންގެ ފުރަތަމަ މެޗު ފިލިޕީންސްގައި މިމަހުގެ 25 ގައި ކުޅުމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ 2 އަހަރު ވާން ކައިރިވެފައިވަނިކޮށް ގައުމީ ޓީމުން ކަށިން ހިތްވަރުނެގެން މި ރޯދަމަހު ނިކުމެ ތިބީ މި މެޗުތަކަށް ތައްޔާރުވާށެވެ. ފަރިތަކުރުންތައް ގަލޮޅު ރަސްމީ ދަނޑުގައި 6 މާޗްގައި ފެށިއިރު އެންމެ ބޮޑު އެއް ސުވާލަކަށް އޮތީ ހުރިހާ ކުޅުންތެރިން ހަމަވާނެތޯ އުފެދުނު ސުވާލެވެ.

ވަކިން ހާއްސަކޮށް ގައުމީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުންތެރިން ދޫކުރާނެތޯ އުފެދުނު ސުވާލެވެ.

އެހެންނަމަވެސް ގައުމީ ޖާޒީގައި ނިކުންނަން ކެތްމަދުވެފައި ތިބި މާޒިޔާ ކުޅުންތެރިންވެސް އަންނަނީ އާދިއްތަ ދުވަހުގެރެއިން ފެށިގެން ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ކުރިން މާޒިޔާގެ ކުޅުންތެރިން އައީ ޖެނުއަރީން ފެށިގެން އާ ސީޒަނަށް ތައްޔާރުވަމުންނެވެ. ބޭރު ކޯޗެއް ހަމަޖައްސާ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރުމަށް ޖިމްގައާއި ދަނޑުގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

މާޒިޔާއިން އިން “ޕީއެސްއެމް ސްޕޯޓްސް” އަށް މައުލުމާތު ދިން ގޮތުގައި އެ ކުލަބުގެ ކުޅުންތެރިން ވަނީ އާދިއްތައިން ފެށިގެން ގައުމީ ޓީމަށް ދޫކޮށްފައެވެ. އަދި އެ ކުލަބުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު ގައުމީ ޓީމުން ތައްޔާރުވާ ވަރުގަދަ ދެ މެޗަށްވެސް އޮތީ ފުރިހަމައަށް އެއްބާރުލުން ދޭ ގޮތަށެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަބުދުﷲ ޝިބާއު "ޕީއެސް ސްޕޯޓްސް" އާއި ވާހަކަ ދައްކަމުން ބުނީ ހުރިހާ ކުޅުންތެރިންވެސް ފަރިތަކުރުންތަކުގައި ބައިވެރިވާ ކަމަށެވެ. އަދި ޓީމު ފުރުމުގެ ކަންކަން މިހާރު ހަމަޖެހިފައިވަނީ މާޗް 15 ގައި ކަމަށާއި، ޖެހިގެން އަންނަ ދުވަހު ޓީމު ރާއްޖެ އަންނާނެ ކަމަށެވެ.

"މިހާރު 15 ގަ ފުރާނީ، އަޅުގަނޑުމެން ތައްޔާރީތައް ވަމުން މިދަނީ ވަރަށް ދުރަށް މި ދާން ޖެހެނީ، އެހެންވީމާ އެތެރޭގެ ދަތުރުފަތުރުގެ ކަންކަމާއި އެއްޗެހި ހަމަޖައްސަމުން މިދަނީ. މެޗު ނިންމާފަ އަނެއް ދުވަހު ޓީމު ދަތުރު ފަށާނެ ރާއްޖެ އަންނަން."

އިންޑިއާގެ ޝިލޮންގްގެ، ޖަވާހިރުލާލޫ ނެހުރޫ ސްޓޭޑިއަމްގައި ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު ގައުމީ ޓީމުން ތައްޔާރުވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗަށެވެ. އެ މެޗު އޮންނާނީ މިމަހުގެ 25 ގައި ފިލިޕީންގައި ކަމަށްވާތީ ކުރިން ވާހަކަދެކެވެމުން އައީ އިންޑިއާ މެޗަށް ފަހު ރާއްޖެ ނައިސް ސީދާ އިންޑިއާއިން ފިލިޕީންސް އަށް ފުރާ ގޮތަށެވެ. އެހެންނަމަވެސް ގައުމި ޓީމުގެ މެނޭޖަރު ބުނީ މިހާރު ހަމަޖެހިފައިވަނީ އޭޝިއަންކަޕް ކޮލިފައިން މެޗަށް ކުޅުންތެރިން ރާއްޖެ އައުމަށްފަހު ފިލިޕީންސްއަށް ދިއުމަށް ކަމަށެވެ.

އޭޝިއަންކަޕް ކޮލިފައިންގައި އެންމެ ފުރަތަމަ ކުޅޭ ގޮތަށް ކުރިން އޮތީ "ހޯމް" މެޗެކެވެ. އެހެންނަމަވެސް ރާއްޖޭގައި ފިލިޕީންސް އާއި ދެކޮޅަށް ކުޅެން ކުރިން ހަމަޖެއްސި ތާރީހު، ފަހު ދިހަ އާއި ދިމާވާތީ ފިލިޕީންސް ފުޓްބޯޅަ އެސޯސިއޭޝަނާއި މަޝްވަރާކޮށްގެން ދެ ޓީމުގެ ހޯމް މެޗު ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ ރާއްޖޭގެ ހޯމް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.

އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމުން ފިލިޕީންސް އާއި ދެކޮޅަށް މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައެވެ. އެ މެޗުގައި ދެޓީމުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަންކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖެއާއި އެކު ހިމެނެނީ ފިލިޕީންސް، ތަޖަކިސްތާނު އަދި އީސްޓް ޓީމޯ އެވެ.

އޭޝިއަންކަޕް ކޮލިފައިން މެޗަށް ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ ނިކުންނަ އިރު ގައުމީ ޓީމުން އެންމެފަހުން ބައިނަލްއަގްވާމީ މެޗެއް ކުޅެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ބަނގްލަދޭޝް އާއި ދެކޮޅެވެ.

އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖޭ ކުޅެން ޖެހޭ އެހެން މެޗުތަކުގެ ތެރޭގައި އީސްޓް ޓިމޯ – ރާއްޖެ މެޗު އޮންނާނީ ޖޫން 10 ގައެވެ. ތަޖިކިސްތާން – ރާއްޖެ މެޗު އޮންނާނީ އޮކްޓޫބަރު 9 ގައި ތަޖިކިސްތާނުގައެވެ. ރާއްޖެ – ތަޖިކިސްތާނު މެޗު އޮންނާނީ 14 އޮކްޓޫބަރުގައި މާލޭގައެވެ. ރާއްޖެ – ފިލިޕީންސް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ރާއްޖޭގައެވެ. ރާއްޖެ – އީސްޓް ޓިމޯ މެޗު އޮންނާނީ މާޗު 31 ގައެވެ.