ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


  • މެންބަރުގެ މަޤާމު ހުސްވެފައިވަނީ ކޮމިޝަނުގެ ނައިބު އިސްތިއުފާ ދެއްވުމާ ގުޅިގެން

  • މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހުގެ 19ވަނަ ދުވަހާ ހަމައަށް

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.

ހުސްވެފައިވާ މެންބަރުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އަދި އެ ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.