ކުޅިވަރު

އޯޕަން ޓޭޕްބޯލް: ސެމީގެ ފަހު ޖާގަ އެމްއޭސީއެލްއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެމްއޭސީއެލްއިން ހޯދައިފިއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ޑީގައި ހިމެނޭ މެރީ ކޯނަރ އާއި ކަރުދާސް ކްރިކެޓް ކުލަބެވެ. މި މެޗު މެރީ ކޯނަރ އިން ކާމިޔާބުކޮށްފައިވަނީ 80 ލަނޑުންނެވެ. މި މެޗުގައި ގުރުދިމާވުމުން މެރީ ކޯނަރ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 154 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 36 ލަނޑު ހެދި އަޙްމަދު އަރަފަތާއި، 18 ބޯޅައިން 32 ލަނޑު ހަމަކުރި މުޙައްމަދު ހައިކަލްއެވެ. ޖަވާބުގައި ކަރުދާސް ކްރިކެޓް ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 74 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ހަ ބޯޅައިން 18 ލަނޑު އެއްކުރި މުޙައްމަދު ޝުއައިބެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޑީގެ ދެވަނަ މެޗުން އެމްއޭސީއެލް ވަނީ 108 ލަނޑުން ސަންކުއިކް ލިލީ ބަލިކޮށްފައެވެ.

މި މެޗުގައި ގުރުދިމާވުމުން އެމްއޭސީއެލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 181 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 34 ލަނޑު ހެދި ލީމް ޝަފީގާއި، 13 ބޯޅައިން 33 ލަނޑު ހަމަކުރި އާދަމް ނާސިފް އުމަރެވެ. ޖަވާބުގައި ސަންކުއިކް ލިލީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 33 ލަނޑު އެއްކުރި މަބްސަރު އަބްދުﷲ އިބްރާހީމެވެ.

މި މޮޅާއެކު އެމްއޭސީއެލް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ މެރީ ކޯނަރއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކަރުދާސް ކްރިކެޓް ކުލަބަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ސަންކުއިކް ލިލީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެމްއޭސީއެލްގެ އިތުރުން ސެމީގެ ޖާގައެއް ދެން ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި، ގްރޫޕް ބީގެ އެއްވަނަ ކޭޑީއެމްގެ އިތުރުން ގްރޫޕް ސީގެ އެއްވަނަ ހޯދ މީޓިއޯސް އިންނެވެ.