ތަޖުރިބާކާރު ފޯވާޑް ނޭމާ ޖޫނިއަރ ބާކީކޮށް، ބްރެޒިލްގެ ގައުމީ ޓީމަށް 18 އަހަރުގެ ޒުވާން ފޯވާޑް އެންޑްރިކް ނަގައިފިއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅެން ސްކޮޑުން ނޭމާ ބާކީ ކުރީ އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅޭތާ 17 މަސް ފަހުން އަލުން ސްކޮޑަށް ނެގިތާ ހައެއްކަ ދުވަސް ފަހުންނެވެ. މި ފަހަރު ވެސް އޭނާ އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ފޯވަޑް އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ކޯޗު ޑޮރިވޯލް ޖޫނިއާ އެކުލަވާލި ސްކޮޑުގައި އެންޑްރިކް ހިމެނިއިރު އޭނާ އަކީ ގައުމީ ޓީމަށް މިހާތަނަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެދިން މެޗުގައި މިދިޔަ އަހަރުގެ މާޗު މަހު އޭނާ ވަނީ އިންގްލޭންޑާއި ސްޕޭން ކޮޅަށް ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން މިހާތަނަށް 13 މެޗު ކުޅެ ވަނީ ތިން ގޯލު ޖަހައިފަ އެވެ.
އެންޑްރިކް އަކީ ގަވާއިދުން ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅޭން ފުރުސަތު ނުލިބުނަސް އޭނާ އަށް ލިބޭ މަދު ވަގުތުކޮޅުގައި މުހިންމު ގޯލު ޖަހާ ކުޅުންތެރިއެކެވެ. މި ގޮތުން މި ސީޒަނުގައި ރެއާލް އަށް ކުޅުނު 28 މެޗުގައި ހަ ގޯލު ޖަހާފަ އެވެ.