ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އޮޑި ސްޕޯޓްސް ކުލަބުން މި ނިކުތީ ފަނޑުވަމުންދާ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖަހާ މި ކުޅިވަރަށް ޚިދުމަތެއް ކޮށްދިނުމަށް ކަމަށް ކުލަބުގެ މެނޭޖަރ ޢަލީ ޝިފާޒް ބުނެފިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަމުން ޝިފާޒު ބުނެފައިވަނީ ރާއްޖޭގައި ފުޓުބޯޅައިން ކުރިއަރާ ދިއުމަށް މަސައްކަތްކުރާ، ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ.
އެހެން ނަމަވެސް މިކަން ކުރުމަށް ދިމާވާ ގޮންޖެހުމަކީ މިކަމަށް ޕްލެޓްފޯމެއް ނެތުންކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށް ޕްރޮފެޝަނަލީ މިކަން ކުރެވޭނެ ގޮތެއް ހޯދައިދެވޭނެ ގޮތްތަކަކާއި ގުޅޭގޮތުން އޮޑި ސްޕޯޓްސްގެ މެނޭޖްމަންޓުން ވިސްނަމުން ދިޔަކަމަށެވެ.
އަދި އޮޑި ސްޕޯޓްސްގެ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވިސްނުނީ ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރަން ބޭނުންނަމަ ބިދޭސީ ކޯޗަކާއި އެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ކުޅުންތެރިން އިތުރަށް ތަރައްގީކުރުން ކަމަށެވެ.
"މެނޭޖްމަންޓުން ގާތްގަނޑަކަށް 7 މަސް 8 މަސްވަރު ވެއްޖެ އެކޯޗާއި އެކު ނެގޯޝިއޭޓްކުރާތާ. ދެން ދިމާވި ކަމަކީ ޝެޑިއުލްތަކަށް ބަދަލުއައުމާއި ލީގު ފެށޭނެ ދުވަހެއް ނޭންގުން" ޓީމަށް ގެނެވުނު ބިދޭސީ ކޯޗާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ބުންޏެވެ.
ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދިއުމަށް ކުރެވުނު މަސައްކަތުން އޮޑި ސްޕޯޓްސްއިންވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ. ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމަށް އޯޑި ސްޕޯޓްސްއިން ވަނީ ދުރާލާ ފަރިތަކުރުންތައްވެސް ފަށާފައެވެ.
އޮސްޓްރޭލިޔާގެ ކޯޗު އިއަން އެންޑްރޫ ގިލަންގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްދާއިރު، އެޓީމަށް ކުރިން އިރުޝާދުދެމުން ގެންދިޔަ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ އަޙްމަދު ފައްރާހު އާއި ފަރުހާދު އިސްމާޢީލުވެސް ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާނެއެވެ.
"އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ފަރޭ ވަރަށް ދުވަސްވެއްޖެ އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރާތާ. މިދިޔަ އަހަރުގެ އަންޑަރ 19 އިން ފެށިގެން ފަރޭ އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރޭ. ދެ އެސިސްޓެންޓް ކޯޗުން ނަގަން ނިންމި ސަބަބަކީ ބިދޭސީ ކޯޗަކާއި އެކު މަސައްކަތްކުރަން ފަސޭހަވާނެތީ. ފައްރައަކީ އަރަމުން އަންނަ ޖީލަށް ފުޓުބޯޅައިން ވަރަށް ގިނަ ޚިދުމަތްތަކެއްކޮށްދެމުން އަންނަ ފަރާތެއް" ޝިފާޒް ބުންޏެވެ.
އޮޑި ސްޕޯޓްސް ކުލަބުން ޖޯޝާއި ފޯރީގައި ސީޒަނަށް މި ނިކުތީ ދިވެހި ފުޓުބޯޅައަށް ޚިދުމަތްކުރުމަށް ކަމަށްވެސް ޝިފާޒް ފާހަގަކުރިއެވެ. އޮޑި ސްޕޯޓްސްއިން ވަނީ އައު ސިޒީނަށް ނަން މަޝްހޫރު ވަރުގަދަ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިންވެސް ޓީމުގައި ހިމެނުން އެކަށީގެންވާ ކަމަށް ޝިފާޒް ފާހަގަކުރިއެވެ.
ކުރިއަށް މިއޮތް ދިހަ މަސްދުވަހުގައި އޮޑި ސްޕޯޓްސްއިން އެންމެ އިސްކަމެއްދޭނީ ފުޓުބޯޅަ ކުރިއެރުވުމަށް ކަމަށް ޝިފާޒް ފާހަގަކުރިއެވެ. އޮޑި ސްޕޯޓްސް އިން މިތިބީ "ކުރިއަށް މިއޮތް ދިހަ މަސްދުވަހުގެ ތެރޭގައި ހިނގާ އެހެން ކުޅިވަރެއް ނުކުޅެ ފުޓުބޯޅަ ކުޅެމާ" މި ސްޓޭންޑްގައި ހިފަހައްޓައިގެން ކަމަށް ޝިފާޒް ހާމަކުރިއެވެ.
އޭނާ ބުނީ ކުލަބުގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި، އޭގެ އިތުރުން ހުނަރުވެރި އަރަމުން އަންނަ މޫނުތަކަކާއެކު އޮޑި ސްޕޯޓްސް ކުލަބުން ކުރާ އުންމީދަކީ ސީޒަނުގެ ހުރިހާ މުބާރާތެއް ކޯޗިން ސްޓާފުންގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރުންކަމަށެވެ.