ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި 3 ފަރާތަކަށް ދައުވާކުރުމަށް އާއިލާއިން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ 16 އަހަރުގެ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭކްކުރާތީކަމަށް ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ޝާޖިދާ މުޙައްމަދުގެ ފަރާތުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމަށެވެ.
އާއިލާގެ ފަބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް އަޅާފައިނުވާނެކަމަށެވެ. ނަމަވެސް މިއަދު ފިޔަވަޅު އަޅުއްވަން ނިންމަވާފައިވަނީ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން މަންމައެއްގެ ހައިސިއްޔަތުންކަމަށް ވަނީ ވިދާޅުވެފައެވެ.
"މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ޤަޞްދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ" އާއިލާގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން މަދަނީ މައްސަލައެއްގެ ގޮތުގައި ދައުވާ ކުރުމަށް ނިންމަވާފައިވަނީ މަރިޔަމް ޒުބައިރާއި، ފައްޔާޞު އިސްމާއީލް އިތުރުން އެމްޑީޕީއަށެވެ. މި ހަފްތާގެ ތެރޭގައި މި މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އާއިލާގެ ފަރާތުން ނެރުއްވި ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވީ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމަށެވެ. މިއީ ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.
މިފިޔަވަޅުތައް މިއަޅަނީ ކުދިންގެ މަންމަގެ ޙައިޞިއްޔަތުން އަމިއްލައަށް ފަރުދީގޮތުން ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއްނޫންކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ. މީގެ ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ޤާއިމުވުންކަމަށް މެޑަމް ސާޖިދާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.