އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ދެ ޓީމަށްވެސް ފުރުސަތުތައް ތަނަވަސްކުރެވިފައިވަނީ ދާދި އެއްވަރަކަށެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފައެވެ. ހާލާންޑް މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގައި 100 މެޗަށްވުރެ މަދު މެޗުން 100 ލަނޑު ޖަހައިދިނުމުގައި ބައިވެރިވި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. ބްރައިޓަންއާ ދެކޮޅަށް ހާލަންޑް ކުޅުނު މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 94 ވަނަ މެޗެވެ. އަދި މިއީ އޭނާ ޖެހި 84 ވަނަ ލަނޑެވެ. މީގެ އިތުރުން އޭނާ ވަނީ 16 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި ބްރައިޓަންގެ ޕާރވިސް އެސްޓޫޕިނާން ވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ސިޓީގެ އުމަރު މަރްމޫޝް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ބްރައިޓަންއިން ދެވަނަ ފަހަރަށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޖެކް ހިންޝެލްވުޑް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަބްދުކާދިރު ކުސަނޯފް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ނަތީޖާއާއެކު ސިޓީއަށް 29 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގައެވެ. އަދި މި މެޗު އެއްވަރުވުމުން ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމަށް ސިޓީއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ބްރައިޓަންއަށް ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.