ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮޖެހުން ބަލައިނުގަނެވޭ: މެޑަމް ސާޖިދާ


  • އެއްވެސް މީހަކަށް އެފަދަ ޙަމަލާއެއް ދީ އުނދަގޫކުރުން ބަލައި ނުގަނެވޭނެކަމަށް ވިދާޅުވި

  • މިވަގުތު ކަންކަން ހަލަބޮލި ނުކޮށް އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެދިވަޑައިގަތް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫންކަމަށެވެ. މިވަގުތު ކަންކަން ހަލަބޮލި ނުކުރައްވާ، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް ރައީސްގެ އަނބިކަނބަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިމަހުގެ 12ވަނަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާގައި މަރިޔަމް ޒުބެއިރު ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ކުށްވެރިކޯށް އެކަމާ ގުޅިގެން މަރިޔަމް ޒުބައިރު ހިމެނޭހެން 3 ފަރާތަކަށް ދަޢުވާކުރަން ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ނިންމާފައިވާ ދަނޑިވަޅެއްގައި އަދި މި މައްސަލައާ ގުޅޭގޮތުން ބައެއް އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއްގައި މަރިޔަމް ޒުބައިރާއި އަދި އެނޫންވެސް ބައެއް ފަރާތްތައް ފުލުހަށް ހާޒިރުކުރަން ފަށާފައިވަނިކޮށެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތް ގެއްލޭހެން ވާހަކަދެއްކި މައްސަލަ ސަރުކާރުގެ ވަޒީރުންނާއި މިނިވަން މުވައްސަސާތަކުންނާއި، އާއްމުންގެ ތެރެއިންވެސް ގިނަ ބަޔަކުވަނީ ކުށްވެރިކޮށް އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.