ޚަބަރު

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކޮށްލައިފި


  • ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ

  • ތިންވަނަ މީހާވެސް ޑީޕޯޓްކޮށްލުމަށް ދަނީ މަސައްކަތްކުރަމުން

ފުޅާ ދާއިރައެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސްގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ވޯކް ވިސާގައި އުޅެ ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ބިދޭސީ ތިން އަންހެނަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި 3 މީހުން ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން 2 މީހަކު މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށާއި އަނެއް މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނެސް ނުވަތަ އެ މީހުން ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިމިގްރޭޝަން ވޮޗަށް ހުށައެޅޭ ތަފާތު މައްސަލަތަކާ ގުޅިގެން ހިންގާ ރެއިޑްތަކާއި އޮޕަރޭޝަންތަކުގެ އިތުރުން އެ އިދާރާއިން އަމިއްލައަށް އިސްނަގައިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކުގެ ތެރެއިންވެސް ބިދޭސީ ހަރަކާތްތެރިވާ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.