އިންޑިއާގައި ކުރިއަށްދާ ރައިސީނާ ޑައިލޮގް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ރައިސީނާ ޑައިލޮގް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި ހަފްލާގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
10ވަނަ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވުމަށް ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންނެވީ މިއަދުއެވެ. މި އަހަރުގެ ރައިސިނާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒިލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. މި ޕެނަލް ޑިސްކަޝަންގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުވާލައްވާނެއެވެ.
Minister @abkhaleel participates in the inaugural session of #RaisinaDialogue2025 alongside key leaders, Foreign Ministers & experts in Delhi. Inaugurated by PM @narendramodi & PM @chrisluxomp, the conference will hold discussions on challenging issues facing the global community pic.twitter.com/DZk2VlwG1v
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 17, 2025
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ. ރައިސީނާ ޑައިލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.