ޕާކިސްތާނުގެ އަސްކަރީ މަނަވަރު، "ޕީއެންއެސް އަސްލަޓް" އާއި ކޯސްޓް ގާޑް ގުޅިގެން ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ތަމްރީނުތަކެއް ކުރިއަށްގެންގޮސްފިއެވެ.
ޕީއެންއެސް އަސްލަޓް ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މަނަވަރު ރާއްޖެ އައުމުން މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ޑިފެންސް އެޑްވައިޒަރު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުންނެވެ.
މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ޕާކިސްތާނުގެ މަނަވަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ މުއްދަތުގައި އެ މަނަވަރުގެ ކޮމާންޑިން އޮފިސަރު ކެޕްޓަން މުޙައްމަދު އަޒްހަރު އަކްރަމް ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޓަޔަރޑް ފައިސަލް ރަސުލް ލޯދީއާއި ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކޯސްޓްގާޑުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އަދި ޕާކިސްތާނުގެ އަސްކަރީ މަނަވަރުގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ދައުލަތުގެ އިސްބައެއް ފަރާތްތަކަށް ޚާއްސަކޮށްގެންވަނީ ރޯދަ ވީއްލުމެއްވެސް ބާއްވާފައެވެ. މި ރޯދަ ވީއްލުމުގައި ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ މިޝަންތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާން މަނަވަރުގެ މި ޒިޔާރަތުގައި ރާއްޖޭގެ ކޯސްޓް ގާޑާއެކު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ތަމްރީންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.