ޚަބަރު

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ހޯދަން އެދުމުގެ މުއްދަތު އިތުރުކޮށްފި


  • އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޭޕްރީލްމަހުގެ 30 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް"ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވައިފިއެވެ.

"ހިޔާވެހި ފައިނޭންސިން"އަކީ މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން އިފްތިތާހުކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ހިޔާވެހި ފައިނޭންސިން ދަށުން މާލީ އެހީތެރިކަން ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮތްނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ މުއްދަަތު އިތުރުކުރައްވާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ހިޔާވެހި ފައިނޭންސިން ދަށުން މާލީ އެހީތެރިކަން ހޯދަން ހުށަހެޅުމުގެ ފުރުސަތު އޭޕްރީލްމަހުގެ 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް އިތުރުކުރައްވާފައިވާކަމަށެެވެ.

މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހުޅުވާލި މި ސްކީމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ މި ފައިނޭންސިން ޕްރޮގްރާމަށް މާލީ އެހީތެރިކަން ދޫކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީ، ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ މެދުވެރިކޮށެވެ.

މި ޕްރޮގްރާމްގެ ދަށުން 3 ސްކީމެއް ކުރިއަށްގެންދާއިރު ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައިސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރާނެއެވެ.

ތިންވަނަ ސްކީމު މާލެ ސަރަހައްދަށް ޚާއްޞަކޮށްފައިވާއިރު، މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާނެއެވެ. މި ސްކީމް އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށައިފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރާތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.

މި ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަންތައް ހުށައެޅޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.