އެންމެ މުހިންމީ ލަނޑު ޖަހާ ކުޅުންތެރިޔާ ލައްވައި ކުޅުވުން ކަމަށާއި، އެކަން ކުރާނަމަ އޭނާގެ ކާފަވެސް ގައުމީ ޓީމަށް ނަގާނެ ކަމަށް ބުނެ އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސަމާސާކޮށްފިއެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މަނަލޯ މާކޭޒަށް އެންމެ ބޮޑަށް އަމާޒުވީ އުމުރުން 40 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީ ޓީމަށް ނެގުމުމާ ގުޅޭ ސުވާލުތަކެވެ.
އިންޑިއާ ދުށް އެންމެ މޮޅު ފޯވާޑް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޗެތުރީ އަކީ އިންޑިއާގެ ގައުމީ ޓީމުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 151 މެޗުން 94 ލަނޑު ޖަހައިދީފައެވެ. ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ހުސްވި އަހަރުއެވެ.
އެކަމަކު އަލުން އޭނާ ގައުމީ ޓީމަށް ގެނައިރު، ހިނގަމުންދާ އިންޑިއާގެ ސީޒަނުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ޗެތުރީއެވެ.
މިހެންވެ ކޯޗު ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އިންޑިއާ ކުރާ މަސައްކަތުގައި އެހީތެރިވެދޭން ޗެތުރީ ގާތު އެދުނީ އޭނާ އަމިއްލައަށް ކަމަށެވެ.
"އޭނާ އަކީ އިންޑިއާ ލީގުގައި މިހާރުވެސް އެންމެ ގިނަ ގޯލް ޖަހައިފައިވާ ކުޅުންތެރިޔާ. އެހެންވީމާ ކުޅުންތެރިޔާގެ އުމުރަކީ 20 ތޯ ނުވަތަ 40 ތޯ ނުވަތަ 87 އަހަރުންވީ އަހަރެންގެ ކާފަތޯ ބަލާކަށް ނުޖެހޭ. އެމީހުން ތިބީ ރަނގަޅު ހާލަތެއްގައިނަމަ އެ މީހުން ތިބޭނީ ގައުމީ ޓީމުގައި. ގައުމީ ޓީމަކީ ހަމައެކަނި ކުރިއަރަމުން އަންނަ ކުޅުންތެރިންގެ ތަނެއް އެކަންޏެއް ނޫން. ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިން ޖެހޭނީ ގައުމީ ޓީމުން ޖާގަ ހޯދަން. ޓީމުގެ އެންމެ މުހިންމު އަމާޒަކީ މޮޅުވުން. މޮޅުވާން އަހަރުމެން ބޭނުންވާނަމަ އަހަރުމެން ޖެހޭނީ ފޯމުގައި ތިބޭ ކުޅުންތެރިން ޓީމުގައި ހިމަނަން." ކޯޗު ބުންޏެވެ.
ނަމަވެސް ކޯޗު ބުނީ ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ އެކުވެރިކަމުގެ މެޗުގައި ޗެތުރީ ފުރަތަމަ 11 ގައި ކުޅުވުމާމެދު އޭނާ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"ޔަގީނުންވެސް އަހަރެންނަށް އެނގޭ ކަމަކީ އޭނާ މި މެޗުގައި ކުޅޭނެކަން. އެއީ ކިތައް މިނެޓު ކަމެއް ބުނާކަށް ނޭނގެ. އަހަރެންނަކަށް ނޭނގެ އޭނާ ފުރަތަމަ 11 ގައި ކުޅޭނީ ކަމެއް، ބެންޗުގައި އިނދެފައި ފަހުން އަރާނީ ކަމެއް ބުނަން އަދި. އަހަރުމެންނަށް މި މެޗުގައި ހަ ބަދަލު ކުރެވޭ. އެހެންވީމާ ޔަގީނުންވެސް 17 ކުޅުންތެރިންނަށް މެޗުގައި ކުޅެވޭނެ. ޔަގީންނުންވެސް އޭގެ ތެރޭގައި ޗެތުރީ ހިމެނޭނެ." ކޯޗު ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ މިއަދު ކުޅޭ އެކުވެރިކަމުގެ މެޗަކީ މި މަހުގެ 25 ވަނަ ދުވަހު ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅޭ މެޗެކެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ފިލިޕީންސާ އެވެ. އަދި އިންޑިއާ ވާދަކުރާނީ ބަނގަލްދޭޝް އާއެވެ.