ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެކުންފުނިން ވަނީ އިނގިރޭސިވިލާތުގައި ބެޗްލަރސް ޑިގްރީ ހާސިލް ކުރުމަށް ތިން ފުރުސަތު ހުޅުވާލާފައެވެ. އެއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގައާއި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ޖާގައެވެ.
ސްޓެލްކޯއިން ވިދާޅުވީ މި ޖާގަތަކަށް އެދި 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެކަމަށެވެ. މި ޖާގަތަކަށް އެދެވޭނީ ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ އޭސްޓަރ އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމްhttps://t.co/62lWsXkL6d pic.twitter.com/4QXqrRbVE5
— Hussain Fahmy (@HussainFahmy09) March 19, 2025
މި ކޯސްތައް ފުރިހަމަކުރާ ދަރިވަރުން ކޯސް ނިންމުމަށްފަހު ޚިދުމަތް ކުރަންޖެހޭނީ ސްޓެލްކޯއަށެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓަރންޝިޕް ހަދަން ޖެހޭނެ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެއެވެ.
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.