ޓޫރިޒަމްގެ ޤާނޫނަށް އަލަށް ގެނައި އިޞްލާހުގެ ދަށުން ރިސޯޓެއް ރީ-ޑެވެލޮޕްކުރުމަށް ނުވަތަ އަލުން ތަރައްޤީކުރުމަށް ބަންދުކުރެވޭނީ ޤަވާއިދުން ކަނޑައަޅާ ވަކި މުއްދަތަކަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއީ ބައެއް ރިސޯޓްތައް ބަންދުކޮށް އަލުން ނުހުޅުވާ މައްސަލައަށް ލިބުނު ޙައްލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޓޫރިޒަމާބެހޭ ޤާނޫނަށް އަލަށް ގެނައި އީޞްލާހާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓޫރިޒަމާ ބެހޭ ޤާނޫނަށް އަލަށް ގެނައި އިޞްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއްގެ ފެންވަރު މަތިކުރުމަށްޓަކައި ނުވަތަ އެނޫންވެސް ބޭނުމަކަށް ބަންދުކުރެވޭނީ ޓޫރިޒަމާ ބެހޭ ވުޒާރާގެ ހުއްދައާއެކު އެ ވުޒާރާއިން ކަނޑައަޅާ ވަކި މުއްދަތަކަށްކަމަށެވެ. އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރެވޭނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ އެއްގޮތަށް އެ ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރިމަންޓް އިޞްލާހު ކުރުމަށްފަހުކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ. އަދި އެގޮތަށް ބަންދުކުރުމަށް ކަނޑައަޅާ މުއްދަތުގެތެރޭގައި ތަން ހުޅުވައި ޚިދުމަތްދޭން ނުފަށައިފިނަމަ އެފަރަތަކާމެދު ފިޔަވަޅުއަލައި ކުލީގެ އެގްރިމަންޓް ބާޠިލްކުރުމުގެ އިޙްތިޔާރު ވުޒާރާއަށް ލިބިގެންވާކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ. އަދި އެގްރިމަންޓް ބާޠިލުކުރާ ޙާލަތުގައި އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. ވަޒީރު ވަނީ މިއީ އަލުން ތަރައްޤީކުރުމަށް ބަންދުކުރާ ރިސޯޓްތައް ހުޅުވުމަށް އިތުރު ބާރެއްގެގޮތުގައި ސިފަކުރައްވާފައެވެ.
"މިއީ ހަދާފައިވާ ރިސޯޓްތައް ބަނދުކޮށްފައި ހުރުމުން އެކަމަށް ހައްލު ގެނައުމަށް ކުރެވިފައިވާ ކަމެއް" ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ވަޒީރު ވަނީ ޓޫރިޒަމްގެ ޤާނޫނަށް އަލައި ގެނައި އިޞްލާހުތަކުގެދަށުން ހަދަންޖެހޭ ޤަވާއިދުތައް އެ ޤާނޫނުގައިކަނޑައަޅާފައިވާ ތިން މަސްދުވަހުގެތެރޭގައި އެކުލަވާލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ޓޫރިޒަމް ޓްރަސްޓު ފަންޑު ހިންގުމަށް ބޭނުންވާ ޤަވާއިދުވެސް އެކުލަވާލެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ޓޫރިޒަމް ދާއިރާާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ދާއިރާގެ ވަސީލަތްތައް ކުރިއަރުވައި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޜަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރާ ފަންޑެކެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުވިދާޅުވީ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާވާނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ލިބޭ ސްޕޮންސަރޝިޕް ފައިސާ އާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިޖުތިމާޢީ ޒިންމާގެ ދަށުން ޖަމާކުރާ ފައިސާކަމަށެވެ. އަދި ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާގެ އިތުރުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫން ފައިސާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މި ފަންޑުން ފައިސާ ބޭނުން ކުރެވިގެން ދާނީ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ހިނގޭ ހަރަކާތްތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާއްތަކަށް ޤާބިލުކަން އިތުރުކުރުމަށްޓަކައި ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ޓްރަސްޓު ފަންޑަކީ މިނިސްޓްރީން ފަންޑު ބޯޑެއް އެކުލަވާލެވިގެން ފަންޑު ހިންގާ ގަވައިދުތައް އެކުލަވާލެވިގެން ކުރިއަށް ގެންދާނެ. މިނިސްޓްރީން އެކަންކަންވެސް މި 3 މަސްދުވަސް ތެރޭގައި ކުރާނެ. ގަވައިދުތައް ހެދިގެން މަސައްކަތް ކުރެވެން ޖެހޭނީ. އޭގެ އިތުރައް ފަންޑު ހިންގުމުގެ އުސޫލުތައްވެސް ޓޫރިޒަމް ގަވައިދުގެ ތެރެއިން ހިމެނިގެން ދާނެ" ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ޓޫރިޒަމް ފަންޑު ވެގެން ދާނީ ޓޫރިޒަމް ސޏާއަތާއި، އިޖްތިމާޢީ ކަންކަމުގައި ފަންޑުން ކަނޑައަޅައި ހަރަދުކުރުމަށް ކުރެވިގެން ދާ މުހިންމު ކަމަކަށްކަމަށެވެ.