ޖޫރިމަނާ އާއި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން ކުލަބު ވެލެންސިއާއަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ކުރިމަތިކުރި ޓްރާންސްފާގެ އަދަބުން އެ ކުލަބު ސަލާމަތްކޮށްފިއެވެ.
މި އަދަބުން ސަލާމަތްވުމަށް ވެލެންސިއާއިން ވަނީ ގާތްގަނޑަކަށް 1.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ވެލެންސިއާއަށް ފީފާއިން މި ހަރުކަށި ފިޔަވަޅުއެޅީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އެ ކުލަބަށް 2021 އަދި 2022 ގައި ކުޅުނު ސްޕެއިންގެ ބޯހާސް މާޓިނޭޒް ގޮންޒަލޭޒް އާއި ހޯސޭ އެންޓޯނިއޯ ބަރޭހޯއަށް މުސާރަ ނުދީގެންނެވެ.
މި ދެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 60،000 (ފަސްތޮޅަސް ހާސް) ޑޮލަރު ނުދައްކައި އޮތެވެ. ކުޅުންތެރިންނާ ވާހަކަ ދައްކައި މި ފައިސާ ވެލެންސިއާއިން ދައްކައި ޚަލާސްކުރީ ހުސްވި ހަފުތާގައި ކަމަށް އެ ކުލަބުން ބުނެއެވެ.
"މިހާރު ޓްރާންސްފާ ބޭން އެއް ނޯންނާނެ. މިހާރު އަޅުގަނޑުމެންނަށް އައު ކުޅުންތެރިން ޖެހޭނެ. ކުރިން ދިމާވި ފަދަ މައްސަލަތަކެއް މިހާރު ނުނިކުންނާނެ." ވެލެންސިއާގެ އިސް އޮފިޝަލަކު ޕީއެސްއެމް ސްޕޯޓްސްއަށް ބުންޏެވެ.
ކުޅުންތެރިންނަށް ދައްކަންޖެހޭ މި ފައިސާގެއިތުރުން އެކުލަބު އޮތީ ފީފާ އަދި އޭއެފްސީއަށްވެސް ފައިސާ ދައްކަންޖެހިފައެވެ.
އެއީ 2022 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގައި ކުޅެން އޮތް މެޗު ނުކުޅެ ދޫކޮށްލުމުންނެވެ. ވެލެންސިއާއިން އެ މެޗު ދޫކޮށްލީ، ބަންގްލަދޭޝްއަށް ފުރަން ޓިކެޓު ހަމަޖެހުނުލެއް ލަސްވުމުންނެވެ. މިއާއެކު އެ ކުލަބަށް 20000 (ވިހިހާސް) ޑޮލަރުގެ ޖޫރިމަނާއެއް އޮތީ އައިސްފައެވެ.
"މިއީ ކުލަބުގެ ހަޔާތުގައިވެސް ކުރިމަތިވި، އެންމެ ބޮޑު ދަރަނި. މިހާރު ވާނީ މި ފައިސާވެސް ދައްކާފައި. މި ފައިސާ ނުދައްކައިއޮތުމުން ކުލަބަށް މިދިޔަ ދެ އަހަރު ވަނީ ވަރަށް ގިނަ ގޮތްގޮތުން ދަތިތަކެއް ކުރިމަތިވެފައި. ކުރިއަށް މި އޮތް ސީޒަނަށް ތައްޔާރުވުމުގައިވެސް ވަރަށް ބޮޑަށްދަތިވެފައި އޮތީ. މިހެންވެ އެންމެ ބޮޑު ސަމާލުކަމެއް ދިނީވެސް މި ދަރަނި ދައްކަން. ހެޔޮ އެދޭ ފަރާތްތަކާއި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މިކަން މިކުރެވުނީ." އޮފިޝަލް ވިދާޅުވިއެވެ.
މި ފައިސާގެ ނުދައްކައި އޮތުމުން 2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވެލެންސިއާ ކުރިމަތިލީ ސްކޫލް ކުދިންގެ ޓީމަކާއެކުގައެވެ. އަދި މުސާރައިގެ މައްސަލާގައި ލީގުގެ ބައެއް މެޗުތައް ނުކުޅެ ދޫކޮށްލިއިރު، ވެލެންސިއާ ދިޔައީވެސް އެ ފަހަރުގެ ލީގުގެ ފުލަށެވެ. އަދި އަންނަ މަހު ފަށާ ސީޒަނަށް ތައްޔާރުވުމުގައިވެސް ވެލެންސިއާ ފެންނަނީ ހިމޭންކަމާއެކުގައެވެ.
"އެންމެ ބޮޑު މައްސަލައެއް ދިމާވީ މި ފައިސާ ނުދައްކައި އޮތުމުން. މީގެ ސަބަބުން ޓީމަށް އެއްވެސް ކުޅުންތެރިއަކު ގެނެވޭކަށް ނެތް. ދިވެއްސަކަސް، ބޭރު މީހަކުވެސް ޖެހެން އޮތީ ޓްރާންސްފާ ބޭން ފިލުވައިގެން. އަޅުގަނޑުމެންނަށް ދަނޑަށް ނުކުމެވެން އޮތީ މިކަން ކޮށްގެން. އެކަމަކު މިހާ ގިނަ ފައިސާ ދައްކަން ޖެހުނީމަ މާލީ ގޮތުން ކުލަބަށް ވަރަށް ބޮޑަށް މިވަނީ ގެއްލުންވެފައި. އައު ސީޒަނަށް ތައްޔާރުވާންވެސް ދަތި." އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރުގެ ކުޅުނު ދިވެހި ބައެއް ކުޅުންތެރިންވެސް ވަނީ މުސާރައިގެ މައްސަލައިގައި އެފްއޭއެމްއަށް ހުށަހަޅާފައެވެ. ނަމަވެސް ވެލެންސިއާއިން ބުނީ އެފްއޭއެމްއިން އެ ކުލަބަށް ދޭން ހުރި ފައިސާއިން ކުޅުންތެރިންގެ ކަންކަން ހަމަޖައްސަން އެފްއޭއެމްއިން އެއްބަސްވެ، ލިޔެކިއުން ބަދަލުކޮށްފައިވާ ކަމަށެވެ.
ވެލެންސިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބެވެ. އަދި އެންމެ ކާމިޔާބު އެއް ކުލަބުވެސް މެއެވެ. ވެލެންސިއާއިން އެންމެ ފަހުން ތައްޓެއް ހޯދީ 2022 ވަނަ އަހަރުއެވެ. އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާއިން ކާމިޔާބުކުރީ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފައެވެ.