ކުޅިވަރު

ވެޓެރަންސް ލީގު: އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ސެމީއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ދަތުރުކޮށްފިއެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ހުޅާމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ހުޅުމާލެ ވެޓެރަންސް މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގުރޫޕް އޭގައި ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގެ އެއްވަނައިގެ ގޮތުގައި އެއް ޕޮއިންޓް އިތުރަށް ހޯދައިންގެ ވިލިމާލެ ޔުނައިޓެޑް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ އަވަސް ކުޅުމެއް ފެނިގެން ގޮސްފައެވެ. އެހެންނަމެވެސް ދެ ޓީމަށްވެސް ފާރާތުން މާ އެދެވޭ ހަމާލާތަކެއް އުފެއްދިފައެއް ނުވެއެވެ. މި މެޗުގެ ހުރިހާ ލަނޑެއްވެސް ދެވަނަ ހާފުގައި ފެނިގެންދިޔައިރު، މެޗުގައި ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިގެން ދިޔައީ ހުޅުމާލެ ޓީމުގެ އަޙްމަދު މަމްދޫހަށެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ހުޅުމާލެ ޓީމުގެ މުޙައްމަދު ޒިޔާދު ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ އިރުކޮޅެއް ފަހުން 43 ވަނަ މިނެޓުގައި ޒިޔާދު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ހުޅުމާލެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 53 ވަނަ މިނެޓުގައި ހުސެއިން ޝިމާޒް (ކޮކީ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަމަކު މެޗުގެ ފަހުކޮޅު ހުޅުމާލެ ޓީމުގެ ގޯލްކީޕަރު ހަސަން ރަމީޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުއްރިއްޔާއިން ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގެ 59 މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަލީ ނަޒްމީނެވެ.

މި މެޗުން ބަލިވުމާއެކު ހުއްރިއްޔާ ވަނީ މުބާރާތުން ކަޓާފައެވެ.