ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ވާދަކުރުމަށް ގައުމީ ޓީމު ފުރައިފި


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ރާއްޖޭގެ ގައުމީ ޓީމު އެ ގައުމަށް ފުރައިފިއެވެ.

މިއަދު ހެނދުނު ގައުމީ ޓީމު ފިލިޕީންސްއަށް ފުރާފައިވާއިރު، މިމެޗު ކުޅުމަށް ތާވަލުކޮށްފަވަނީ އަންނަ އަންގާރަ ދުވަހުއެވެ. މިމެޗާއި ގައުމީ ޓީމުން ކުރިމަތިލާނީ ފިލިޕީންސްގައި ދެދުވަހުގެ ތަމްރީނުތައް ހެދުމަށްފަހުއެވެ. މިމެޗަށް ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ފައްސި ވިސްނުމެއްގައި ކަމަށާއި، އުއްމީދަކީ މިމެޗުން ތިން ޕޮއިންޓު ކަށަވަރުކުރުންކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒައިން ވަނީ ބުނެފައެވެ.

ގައުމީ ޓީމުން ކުޅުމާ ދުރުގައި ތިބޭތާ ދުވަސްގަނޑަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް ނިކުމެފަވާއިރު، ހުރިހާ ކުޅުންތެރިންވެސް ތިބީ ވާދަވެރި ރޫހެއްގައި މެޗަށް ތައްޔާރުވެގެންކަމަށްވެސް ސުޒައިން ވަނީ ބުނެފައެވެ.

މި އަހަރަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ. މިގޮތުން މިމަހުގެ 19ގައި ދިވެހި ގައުމީ ޓީމުންވަނީ އިންޑިއާ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

އޭގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅުމަށްވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފިލިޕީންސް މެޗަށްފަހު، ޖޫން 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އީސްޓް ޓިމޯއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 14ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށެވެ.