ޚަބަރު

ޢީދު އަލި އެންމެންނަށް އުފާވެރިކަން، މިއަހަރު އިތުރު ރަށްތައް ދިއްލާނެ


  • މިއީ ރައީސްގެ ޚާއްސަ އިސްނެންގެވުމަކާއެކު ފެށި ހަރަކާތެއް

  • މާލޭގެ އިތުރުން ޖުމްލަ 36 ރަށެއް މިއަހަރު ދިއްލާނެ

މިދިޔަ އަހަރުގެ ފިތުރު ޢީދާއި އަޟްހާ ޢީދުގައި ސަރުކާރުން ވަނީ "ޢީދު އަލި" ހަރަކާތުގެ ނަމުގައި މާލެއާއި އަތޮޅުތެރޭގެ ބައެއް ބޮޑެތި ރަށްތައް ދިއްލާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޢީދާއި ދިމާކޮށް ހުރިހައި އުމުރުފުރާއެއްގެ މީހުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވެ ހިތްހަމަޖެހުން ލިއްބައިދިނުމަށް ފެށި ހަރަކާތެކެވެ. މި ހަރަކާތް ވެގެންދިޔައީ އާންމުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތަކަށެވެ.

"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޢީދުފަދަ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. ޢީދާއި ދިމާކޮށް ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމްގެ ސަބަބުން ގިނަ ބައެއް މޫނުމައްޗަށް އުފާވެރިކަމުގެ އިހްސާސްތައް ވަނީ ގެނުވާފައެވެ.

ތަފާތު އެކި ކުލަބޮކިތަކުން ރާއްޖޭގެ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް މިދިޔަ އަހަރުވެސްވަނީ ދިއްލާފައެވެ. އެގޮތުން މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި ގިޑިގެތައް ސިޓީތަކާއި ރަށްރަށުގެ ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ވަނީ މިދިޔަ އަހަރުގެ ޢީދާ ދިމާކޮށް ހަރުކޮށްފައެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.

ޢީދަށް ދިއްލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުލަބޮކިތަކާއި ގިޑިގެ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މާލޭގެ ބޮޑެތި މަގުތައްކަމަށްވާ މަޖީދީ މަގާއި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި މިހާރުވަނީ ކުލަބޮކި ހަރުކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ސަރަޙައްދުތަކުގައި ގިޑިގެވެސް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.

"ޢީދު އަލި" ޙަރަކާތް މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެންގޮސްފައިވަނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައެވެ. ނަމަވެސް އިތުރު ފަރާތްތަކަށް މިކަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަހަރު ސަރުކާރުން ވަނީ މިއަހަރު ކޮންމެ އަތޮޅަކުންވެސް 2 ރަށެއްގައި ޢީދު ދިއްލުންތައް ދިއްލުމަށް ނިންމަވާފައެވެ.

މިއަހަރު ޢީދަށް ދިއްލާ ރަށްތައް:

• ހއ. ހޯރަފުށި - އިހަވަންދޫ
• ހދ. ނޮޅިވަރަމް - ހަނިމާދޫ
• ށ. މިލަންދޫ - ފޯކައިދޫ
• ނ. ވެލިދޫ - ހޮޅުދޫ
• ރ. އަލިފުށި - ދުވާފަރު
• ބ. ތުޅާދޫ - ހިތާދޫ
• ޅ. ހިންނަވަރު - ކުރެންދޫ
• ކ. ކާށިދޫ - މާފުށި
• އއ. ތޮއްޑޫ - އުކުޅަސް
• އދ. މާމިގިލި - އޮމަދޫ
• ވ. ކެޔޮދޫ - ފުލިދޫ
• މ. މުލައް - ކޮޅުފުށި
• ފ. ބިލެއްދޫ - ފީއަލި
• ދ. މީދޫ - މާއެނބޫދޫ
• ތ. ތިމަރަފުށި - ވިލުފުށި
• ލ. ގަން - މާވަށް
• ގއ. ދާންދޫ - ގެމަނަފުށި
• ގދ. ގައްދޫ - މަޑަވެލި

ޢީދަށް ރާއްޖެ ދިއްލާލުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައެވެ.

ޢީދުގެ ޢަލީގެ އިތުރުން މިދިޔަ އަހަރު ޢީދު އަލި ދިއްލި ރަށްރަށުގައި ވަނީ ތަކުބީރުގެ އަޑު އިއްވާފައެވެ. ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. މިކަންވެސް އެންމެ ފުރަތަމަ ފެއްޓެވީ މާލޭ މޭޔަރުކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނަވައިގެންނެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. ފިތުރު ޢީދަށް މާލެއާއި އަތޮޅުތަކުން ކަނޑައަޅާފައިވާ ރަށްތައް ދިއްލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ވަމުންނެވެ.