ޚަބަރު

ސާފުފެން ކަށަވަރުކޮށްދިނުމާއެކު ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާ ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ: ރައީސް


  • ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހިއްސާކުރެއްވި ޕޯސްޓެއްގައި

މުޅި ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމާއެކު ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް މާނަހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓްގައިވަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ފޮނުވާފައެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ގްލޭސިއާ ޕްރިވެންޝަން" އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށެވެ.

ރައީސުލްޖުމްހޫރިްޔާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. ގްލޭސިއާ ނުވަތަ އުސްފަރުބަދަތައް މަތީގައާއި ދުނިޔޭގެ އުތުރާއި ދެކުނު ތަނޑީގައި ހުންނަ ގަނޑުފެން ވިރެމުންދާ މައްސަލައަކީ ތިމާވެށީގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ.