ގެވެށި އަނިޔާ އަދި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާއެއް އައްޑޫ ސިޓީ ހިތަދޫގައި އެޅައިދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިޢުލާންކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.
އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭނުމަށް އިމާރާތްކުރާ މި ހިޔާ ޤާއިމުކުރެވުމުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށްދިނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށެވެ. މި ބީލަމަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގެ، އުސޫލުން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކުރިއަށް ގެންދެވޭ ބީލަމެކެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ދައްކަންޖެހޭއިރު، ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަޝްރޫއުކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ތަހައްމަލް ކުރާ ބަޔަކަށްވާއިރު، އެފަދަ މީހުންގެ މައްސަލަތައް ބަލައި ނިންމެންދެން އަދި އޭގެ ފަހުންވެސް އެމީހުން އުޅެމުންގެންދަނީ ރައްކާތެރި މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި އެކަށިގެންވާ އަވަސް މިނެއްގައި އެފަރާތްތަކަށް އިންސާފު ހޯދާދިނުމަށް ލިބެންޖެހޭ ޤާނޫނީ ލަފައާއި އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެކެވެ.