ޚަބަރު

ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި


ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދެއްނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެކަމށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ފަށްޓަވާފައެވެ.

ތެލަސީމިއާ ކުދިން ލޭއެޅުމަށްޓަކައި ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގައި މައްސަލަ އުޅޭކަމަށް ބުނެ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވާ އެތަނުގައި ހުރި މައްސަލަތައް އޮޅުން ފިލުއްވާފައެވެ. އެމަނިކުފާނު ވަނީ އެ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓުތަކެއްގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ. އެވަގުތު އެ ސެންޓަރުގައި ޚިދުމަތް ހޯދަމުންދިޔަ ކުދިންނާއި އެކުދިންގެ އާއިލާތަކާއި ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް އެމަނިކުފާނު އަޑުއެއްސެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލްސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް މިވަގުތުން ފެށިގެން ޙައްލުކުރެވެންހުރި ހުރިހާކަމެއް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް މަޝްވަރާކުރައްވައިގެން ފިޔަވަޅުތައް އަޅަން ފަށްޓަފާވައެވެ.

ތެލަސީމިއާ ސެންޓަރުގައިހުރި ޒަމާނުއްސުރެ ހުރި މައްސަލަތައް ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހަތަނަށް އަޅާފައެއް ނުވެއެވެ. ނަމަވެސް މިހާރުހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ތެލަސީމިއާ ކުދިން ލޭއެޅުމަށްޓަކައި ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގައި މައްސަލަތަކާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރތައް އުފައްދާ ބޭރުގެ ކުންފުނި ވިއްކާލުމާއި ގުޅިގެން އެކުންފުނިން މިހާރު ހިމޮނޮޓިކްސް ބްލަޑް ފިލްޓަރ އުފެއްދުން ހުއްޓާލާފައިވާކަމަށެވެ. އެހެންކަމުން ސީދާ އެބާވަތުގެ ފިލްޓަރ ތައްޔާރުކޮށް ސަޕްލައިކުރެވޭނެ ދުވަހެއް ކަނޑައެޅިގެން ނޭނގޭކަމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެސަރވިސްއަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ތެލަސީމިއާ ކުދިންގެ ލޭ ފިލްޓަރކުރުމަށް ބޭނުންކުރާ އެލެކްސް މެޝިންގެ ކިޓް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެއަށް ފިލްޓަރ ގެނެސްދޭ ކުންފުނިން ރާއްޖޭގައި ކުރިން ބޭނުންކުރަމުންދިޔަ ބާވަތުގެ ފިލްޓަރ މިއަހަރުގެ މެއި މަހުގެ ތެރޭގައި ލިބޭނެކަމަށް އަންގާފައިވާކަމަށްވެސް އެސަރވިސްއިން ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތުވެސް އެލެކްސް މެޝިންގެ ކިޓް ގެނައުމުގެ މަސައްކަތް އެސްޓީއޯއާއި ގުޅިގެން ކުރަމުންދާކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ޕްރީސްޓޯރޭޖް ފިލްޓަރޭޝަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ.

ރާއްޖޭގައި ތެލަސީމިއާ 650 ކުދިން މިވަގުތުވެސް ލޭ އަޅަމުންދެއެވެ. މިކުދިންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާވަރާއި ގާތަށްވެސް ޤާއިމުވެ ތަރައްޤީވެފައި ނެތްކަމީ އެކުދިންނާއި ޢާއިލާތަކުގެ އޮތް ކަންބޮޑުވުމެކެވެ.

އެހެންކަމުން އެކުދިންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ޙައްލުކޮށްދެއްވާ ލުއިފަސޭހަ ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. މިގޮތުން ބޯން މެރޯ ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ފުރުސަތު ދެއްވުމަށް ނިންމަވާ އެކުދިންނަށް ބޭނުންވާ ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުންވަނީ ކުރައްވާފައެވެ. އަދި ތެލަސީމިއާ ބައްޔަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.