ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް އަންދާޒާކޮށްފި


  • މި މައުރަޒު އޮންނާނީ މެއި މަހުގެ 23 ން 30 އަށް

  • ބަައިވެރިވުމުގެ ސުންގަޑިއަކީ 31 މާރޗް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 1 ލައްކަ އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް އިވެންޓް އިންތިޒާމްކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން އަންދާޒާކޮށްފިއެވެ. މި މައުރަޒު އޮންނާނީ މެއި މަހުގެ 23 އިން 30 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

މި މައުރަޒާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު ޖައުޝަން ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ވަރަށް ބޮޑު މާކެޓެއް ލިބިގެންދާނެ މައުރަޒަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މައުރަޒަށް ގާތްގަނޑަކަށް 150،000 އެއްހައި މީހުން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ބޭރުގެ އިންވެސްޓަރުންނާއި ބައްދަލުވުމަށްވެސް ހުޅުވިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އަންދާޒާކުރަން ގާތްގަނޑަކަށް 150،000 އަށްވުރެ ގިނަ މީހުން މައުރަޒަށް ވަޑައިގެން އެކްސްޕީރިއަންސް ކުރައްވާނެކަމަށް ކޮންމެވެސް ވަރަކަށް. އެ ޕްރޮޑަކްޓްތައް ބަލާލާ ރަނގަޅު ފީޑްބެކްއެއް ލިބިގެންތާ ޑިވެލޮޕްވެގެން ރަނގަޅު މާކެޓަކާއި ހަމައަށް ގެންދެވޭނީ. އެ ފުރުސަތު މީގެތެރެއިން ލިބިގެންދާނެ. ހަމައެއާއިއެކު އަޅުގަނޑުމެން މި މައުރަޒުގެ ތެރެއިން ވަރަށް ބޮޑަށް އިސްކަންއެބަދޭން އާންމުކޮށް ޕްރޮޑަކްޓް އުފައްދާ ފަރާތްތަކަށް މި ބޭނުންވާ ސަޕޯޓް ރާއްޖެއިން ބޭރުން އިންވެސްޓަރުންނާއި އަދި ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގައި އެހީތެރިވެވިދާނެ ބޭރު ފަރާތްތަކަށް އަޅުގަނޑުމެން އެބަ ފުރުސަތު ހުޅުވާލަން". ޖައުޝަން ވިދާޅުވިއެވެ.

މި މައުރަޒު ކުރިއަށްދާނީ 9 ދުވަހުގެ ނިޔަލަށެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމާފައެވެ. އެކްސްޕޯގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2025 އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު މި އުސޫލު ވަނީ ބަދަލުކޮށްފައެވެ. މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށް ޚާއްޞަ ހަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ.