ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު: ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • މިހާރުގެ ސުންގަޑިއަކީ އަންނަ މަހުގެ 15

  • މި މުބާރާތް ކުރިއަށްގެންދަނީ ޕީއެސްއެމްއާ ގުޅިގެން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ. މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

މުއްދަތު އިތުރު ކޮށްފައިވަނީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްކަމަށް ބީސީސީއިން މައުލޫމާތުދެއްވައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުރިން ހުޅުވާލާފައިވަނީ އިއްޔެގެ ނިޔަލަށެވެ. ބީސީސީއިން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ގުޅިގެންނެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓުން މި މުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލޫމާތު ލިބެން ހުންނާނެކަމަށާއި މުބާރާތުގައި ބައިވެރިވެ ވަނަ ވަނައަށްދާ ގްރޫޕުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި ބޮޑުބެރަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23އިން 31އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށް ޚާއްޞަ ޙަރަކާތެއްވެސް ވަނީ ފަށާފައެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.