ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އަރައިގަތް މައްސަލަ ބްރޯޑްކޮމްއަށް


  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެކަރާމާތަށް އަރައިގަތުމަކީ ބައިނަލްއަޤުވާމީ މުއާހަދާތަކުން މަނާކަމެއް

  • އެއީ ރާއްޖޭގެ ޤާނޫނުތަކުންވެސް މަނާކަމެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކާފައިވާތީ އެ މީޑިއާއަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދި މޯލްޑިވްސް (ބްރޯޑްކޮމް)އަށް، ހުށައަޅައިފިއެވެ.
މި މައްސަލަ އެކޮމިޝަނަށް ހުށައެޅުއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ އެންމެހާ ކަންތައްތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މަނާކުރައްވާފައިވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ މީޑިއާ ޗެނަލަކުން ގެނެސްދިން ޕްރޮގުރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ އެވުޒާރާއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިޖުތިމާޢީ ވުޒާރާއިން ވިދާޅުވީ މި ހާދިސާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ހީނަރުކަން ލިބޭކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވުމުން ނުކުޅެދޭ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަ ދެއްކުން ޢާންމުވުމަށް ދޮރު ހުޅުވޭކަމަށް އިޖުތިމާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން އެފަދަ ވާހަކަތައް ބްރޯޑްކާސްޓްކުރި މީޑިއާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ވުޒާރައިން ވަނީ ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށައަޅުއްވާފައެވެ.

ދިވެހި މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކާތެރިކަމާއި، އަޅާލުމާއި ލޯބި ލިބެންޖެހޭ ހުރިހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ޙައްޤުތައް ކަށަވަރުކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާކަމެއް ރޭވުމަށް އިޖުތިމާޢީ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ މީހުންނާއި ކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވަނީ މިދިޔަ ހޯމަ ދުވަހު ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގުރާމެއްގައެވެ.