ޚަބަރު

ތިލަމާލެ ބްރިޖް: 52 އިންސައްތަ މަސައްކަތް ނިމިއްޖެ


  • މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތް

  • މިހާތަނަށް ޖީ.އެސް.ޓީ ނުހިމެނޭހެން 251,563,940.20 ޑޮލަރު ޚަރަދުވެފައިވޭ

ތިލަމާލެ ބްރިޖުގެ %52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. މިގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މިމަޝްރޫޢު ނިމިގެންދިޔުމަކީ މިސަރަޙައްދުގެ ރައްޔިތުންގެ އޮތް ބޮޑު އުއްމީދެކެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތްތާއި ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތިލަމާލޭ ބްރިޖް މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް މިހާތަނަށް ޖީ.އެސް.ޓީ ނުހިމެނޭހެން 251,563,940.20 (ދުއިސައްތަ ފަންސާސް އެއް މިލިޔަން ފައްސަތޭކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ސާޅީސް ޑޮލަރު ވިހި ސެންޓް) ޑޮލަރު ޚަރަދުވެފައިވާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.