ޙާފިޡުންގެ ދަސްވެނިވުމުގެ ހަފްލާއިން ފެނިގެންދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ރާއްޖޭގައި ބިނާ ކުރެވެމުންދާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހާފިޡުން ދަސްވެނިވުމަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރަސްމިއްޔާތާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވަނީ ޤުރުއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޡުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެ ރަސްމިއްޔާތުން ފެނިގެންދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ދިވެހި ރާއްޖޭގައި ބިނާ ކުރެވެމުންދާ އުފާވެރި މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނިގެންދިއުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށް ދުޢާކުރައްވާ ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މިރޭ ޙާފިޡް ކަމުގެ ސަނަދު ހާސިލު ކުރެއްވި 24 ހާފިޒުންނަށް މަރުހަބާ ދަންނަވަން. މިރޭ ފެނިގެން މި ދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ދިވެހި ރާއްޖޭގައި ބިނާ ކުރެވެމުންދާ އުފާވެރި މަންޒަރު. ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް… pic.twitter.com/EQC4NdTRLV
— Hussain Mohamed Latheef (@HucenSembe) March 26, 2025
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން، ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޙާފިޡުން ދަސްވެނިވުމަށް މިފަހަރު ޚާއްސަ ގައުންއެއް ތައާރަފްކޮށް މިރޭގެ ޖަލްސާގައި ޙާފިޡުން ދަސްވެނިވެފައިވަނީ އެޤައުންގައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.