ދިއްދޫ ލޮނު އުފައްދާ ފެކްޓަރީއިން ދައްކުވައިދެނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ހުންނަ ލޮނު އުފައްދާ ފެކްޓަރީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކެއިންބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓްރީގެ މަސައްކަތް ނިންމާ ހުޅުވާފައިވަނީ މިދިޔަ މަހުގެތެރޭގައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރި މިފަދަ ފުރަތަމަ ފެކްޓްރީއެވެ.
ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، މިފަދަ ތަފާތު މަސައްކަތްތައް ރާއްޖޭގައި ކުރާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މި ވިޔަފާރިވެރިން ދައްކުވައިދެނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Pleased and encouraged to witness the innovative salt products from HA Dhidhoo's production facility. These entrepreneurs exemplify Maldivian ingenuity, utilizing our pristine sea waters and expanding into the lucrative tourism market. The Ministry commends their vision and… pic.twitter.com/KkST9mzski
— Mohamed Saeed (@em_saeed) May 8, 2025
މީގެ އިތުރުން، އެ ފަރާތްތަކުގެ އީޖާދީ ވިސްނުމަށް ތަޢުރީފުކުރައްވާ ކަމަށާއި، މިފަދަ މުހިންމު ވިޔަފާރިތަކަށް އެހީތެރިވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤިީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓަރީއެއް އަޅައިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 7ވަނަ ދުވަހު އެމް.ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. މި ފެކްޓްރީ ތަރައްޤީކޮށްފައިވަނީ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ.
ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު އުފައްދާކަމަށް އެމް.ޑީޕް އިންވެސްޓްމަންޓުން ވިދާޅުވިއެވެ. މީގެތެރޭގައި، އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ލޮނުމަސް ތައްޔާރުކުރުމަށް ބޭނުންވާ ލޮނުގެ އިތުރުން ލޮނުގެ ބައެއް ޚާއްސަ ބާވަތްތައްވެސް ހިމެނެއެވެ.
ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ދަނީ ޓެސްޓުކުރަމުންނެވެ. މީގެ އިތުރުން، އެ ކުންފުނިން ދަނީ ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރަމުންނެވެ.
ދިއްދޫގައި ތަރައްޤީކުރި ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ރާއްޖޭގައި ލޮނު އުފެއްދުމަށް މަސައްކަތްކުރާ ކުންފުނިން ބުންޏެވެ.