ޚަބަރު

ގެދޮރުވެރިޔާ މަޝްރޫޢުގެ 14 ޓަވަރެއްގެ ހުރިހާ މަސައްކަތެއް ނިމުމަކާގާތަށް


  • 32 ފްލެޓުގެ ސްޓްރަކްޗަރ އެއްކޮށް ވަނީ ނިންމާފައި

  • ޖޫން މަހަށް ހުރިހާ ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ވަނީ އަމާޒުކޮށްފައި

  • ފެނާއި ކަރަންޓާއި އިންޓަނެޓްގެ ވިއުގަ ގުޅާނެ

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓުގައި ހިމެނޭ 14 ޓަވަރެއްގެ ހުރިހާ މަސައްކަތެއް މިހާރު ނިމުމަކާހަމައަށް އައިސްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ. އެ ޓަވަރުތަކުގެ ފިނިޝިން %85 މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 32 ޓަވަރެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ 32 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތްތައް އެކޮށް ނިންމާފައިވާކަމަށެވެ. އޭގެ ތެރެއިން 14 ޓަވަރެއްގެ ފިނިޝިން މަސައްކަތަކުގެ %85 މަސައްކަތްވެސް ނިންމާފައިވާކަމަށާއި، ފިނިޝިންގެ ބާކީ މަސައްކަތްތައްވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. ހުރިހާ ފްލެޓުތަކެއްގެ މަސައްކަތްތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށާއި، ފްލެޓްތައް ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި ކުރީ ސަރުކާރުން ފްލެޓްތަކުގެ މަސައްކަތުން ބައެއް އުނިކޮށްފައިވީނަމަވެސް އުނިކުރި ކަންތައްތައް ހިމަނައިގެން މަސައްކަތްތައް ކުރިއަށްދާކަަމަށްވެސް ހަމްދާން ވިދާޅުވިއެވެ. އެގޮތުން ފެނާއި ކަރަންޓާއި އިންޓަނެޓްފަދަ ޚިދުމަތްތައް އެފްޑީސީން ފްލެޓްކަށް ގުޅާނެކަމަށާއި، ފްލެޓްގެ ހައްޤުވެރިން އެތަންތަނަށް ބަދަލުވާއިރު އެ ހުރިޙާ ޚިދުމަތްތަކެއް ހުންނާނެކަންވެސް ހަމްދާން ފާހަގަކުރެއްވިއެވެ.

" ކަރަންޓާ ފެނާއިގެ އިންޓަނެޓް ވިއުގަތައް ގުޅުން ކުރީ ސަރުކާރުގައި އުނިކޮށްފައި އޮތީ. ނަ،މަވެސް އެ މަސައްކަތްތައް މި ސަރުކާރުން ފަށައި، ފެނާ ކަރަންޓް ފްލެޓްތަކަށް ގުޅާފައިވާނީ." އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވިއެވެ.

2021 ވަނަ އަހަރު އިންޑިއާގެ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލްއާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން، އެންބީސީސީއާއި ހަވާލުކޮށްގެން 32 ޓަވަރުގެ މަޝްރޫޢެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން ކޭޕީއެލްއިން ތަރައްޤީކުރަމުންދަނީ "އަމާން އުދަރެސް"ގެ 16 ޓަވަރެވެ. އަދި އެންބީސީސީން ތަރައްޤީކުރަމުންދަނީ އަމާން ދޯދި"ގެ 16 ޓަވަރެވެ. މީގެތެރޭގައި ހިމެނެނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ފްލެޓު ލިބޭކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. މިހާތަނަށް އައިރު 2800 އަށްވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވާ 1423 މީހުންނާއި، 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.