ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ޑިސެބިލިޓީ ކައުންސިލުން ގޮވާލައިފި


  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރަމަތަށް އުނިކަން އަންނަގޮތަށް ދެއްކި ވާހަކަތައް ކުށްވެރިކުރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ޙައްޤުތައް ކަށަވަރުކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އަމިއްލަ ޓީވީ ޗެނަލަކުން މިމަހުގެ 24 ވަނަ ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވަނީ ވާހަކަދައްކާފައެވެ.

މި މައްސަލައާއި ގުޅިގެން، ސަރުކާރާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. އެ މައްސަލައާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއްކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް ހުރިހާ ފަރާތްތަކަކުން އިޙުތިރާމްކުރުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެއްކަމަށް އެ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރާ ފަރާތެއްގެ ޙައިސިއްޔަތުން އެ ކައުންސިލްއިން ކުށްވެރިކުރާކަމަށްވެސް ބުނެފައިވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ޙައްޤުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކާފައިވާތީ އެ މީޑިއާއަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދި މޯލްޑިވްސްއަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ހުށައަޅުއްވާފައެވެ. އަދި މީޑިއާތަކުން މަންޒަރާއި އަޑާއި، މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމަޢުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް، އެޗްއާރްސީއެމުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.