ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް އޭގެ އެއްވަނައިގައި ފަތަހަ މޯލް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދު ހޯދި މޮޅާއެކު ގްރޫޕް އޭއިން ފަތަހަ މޯލްއިން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށް އަށް ޕޮއިންޓާއެކު މި ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ޔުނައިޓެޑް ފުޑް ސަޕްލައިސް ވަނީ ފަސް ޕޮއިންޓާއެކު ދެވަނަ ހޯދާފައެވެ.
މިއަދުގެ ކުޅުނު ފުރަތަމަ މެޗު ހިރާސާ ކެމިސްޓުން ކާމިޔާބުކުރީ އެސްޓީއޯއާ ވާދަކޮށް ހަ ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުމުން އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 114 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 33 ލަނޑު ހެދި އަޙްމަދު ޝަފީގެވެ. ޖަވާބުގައި ހިރާސާ ކެމިސްޓް ކުޅެންއަރާ ހަވަނަ އޯވަރުގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 122 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 33 ލަނޑު ހެދި ދިނޭޝްއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުން ޓީމު ޝިގިރިއާ ބައްދަލުކޮށް ފަތަހަ މޯލުން މެޗު ކާމިޔާބުކުރީ 54 ލަނޑުންނެވެ. މެޗުގެ ގުރުދިމާވުމުން ފަތަހަ ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 114 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 40 ލަނޑު ހެދި ސައިދުލް އިސްލާމެވެ. ޖަވާބުގައި ޓީމު ޝިގިރި ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 60 ލަނޑުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ބޯޅައިން 15 ލަނޑު ހެދި ޖަލާލްއެވެ.
މީގެ އިތުރުން މިއަދު ކުޅުނު ތިންވަނަ މެޗުގައި އެލިއާ މޯލްޑިވްސްއާ ވާދަކޮށް ފްރެންޑްސް އޮފް މޯލްޑިވްސް މެޗު ކާމިޔާބުކުރީ 30 ލަނޑުންނެވެ. މެޗުގެ ގުރުދިމާވުމުން ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މަލިތެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 98 ލަނޑުއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި އަސްކަރު ހުސެއިންއެވެ.