ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ހޯދައިފިއެވެ.
މި މެޗަކީ މި މަހުގެ 8 ވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް އެ މެޗު ފެށުމުގެ 20 މިނިޓު ކުރިން ބާސެލޯނާގެ ޓީމު ޑޮކްޓަރ ކާލްސް މިނޭރޯ ގާސިއާ ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެން އެ މެޗު ވަނީ އިއްޔެއަށް ބަދަލުކޮށްފަ އެވެ. އެ މެޗު ކެންސަލް ކުރިއިރު ދަނޑަށް މީހުން ވަނުމުގެ އިތުރުން ދެ ޓީމުގެ ކުޅުންތެރިން ވަނީ ވޯމްއަޕްވެސް ކޮށްފަ އެވެ.
ބާސެލޯނާ އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 63 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 60 ޕޮއިންޓް ލިބިފައިވާއިރު އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވާ 56 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.
ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ބާސެލޯނާގެ ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ދިހަ މިނިޓު ފަހުން ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި ޕެނަލްޓީ އަކީ އޮސަސޫނާގެ ކީޕަރު އޮލްމޯ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.
އިންޓަރނޭޝަނަލް ބްރޭކަށްފަހު ކުޅުންތެރިންނަށް އަރާމު ކުރާނެ ވަގުތު ނުލިބި މި މެޗު ކުޅެން ޖެހުމުން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ބާސެލޯނާއަށް މި ސީޒަނުގައި 27 ޖަހައިދީފައިވާ ބްރެޒިލްގެ ރަފީނިއާއަށް ވަނީ މި މެޗުގައި ކުޅެވޭ ގޮތް ނުވެފަ އެވެ. އެއީ ބްރެޒިލް ކުޅުނު މެޗަށް އެ ގައުމަށް ދިއުމަށްފަހު އެނބުރި ބާސެލޯނާއަށް އައިސް އަރާމު ކުރަން ވަގުތު ލިބިފައިނުވާތީ އެވެ. އަދި މި މެޗުގައި ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވެސް ކޯޗު ކުޅެން އަރުވާފައިވަނީ މެޗުގެ 68 ވަނަ މިނިޓުގަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ އޭނާ މި ސީޒަނުގައި ލަލީގާގައި ޖެހި 23 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވެފައިވަނީ ލަލީގާގައި މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފަ އެވެ.